16 އޮކްޓޯބަރ 2016 - 14:59

އެފްއޭއެމްގެ ރައީސްގެ މަގާމަށް އަލުން ކުރިމަތިލާން ނިންމީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ފެށި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ކަމަށާއި އެކަމަށް މެޖޯރިޓީ ކްލަބްތަކުގެ ތާއީދު ލިބިފައިވާ ކަމަށް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ މަހު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެން ތޯރިގަށް މަގާމުގައި ދެމި ހުންނެވޭ ގޮތް ނުވީ އޭނާއާ މެދު ހިތްހަމަނުޖެހިގެން އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމުންނެވެ. އެއާ އެކު އެކްސްކޯ އުވި އަލުން އިންތިހާބު ބާއްވަން ޖެހިފައިވާއިރު ތޯރިގް ވަނީ މިއަދު އިންތިހާބަށް ކުރިމަތިލައްވައިފަ އެވެ.
"ވަރަށް ގިނަ ކްލަބްތަކުގެ ތާއީދާ އެކު އަޅުގަނޑު މި ކުރިމަތިލަނީ. އަޅުގަނޑުގެ ފޯމާ އެކު ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބުގެ ތާއީދުގެ ސިޓީ ވަނީ ހުށަހަޅާފައި. އަދި ދެ ވަނަ ޑިވިޝަނުގެ ނުވަ ކްލަބާއި ތިން ވަނަ ޑިވިޝަނުން ވޯޓްލުމުގެ ހައްގު ލިބިގެންވާ 10 ކްލަބުގެ ތެރެއިން ހަ ކްލަބުގެ ތާއީދު އެބައޮތް. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ ވަރަށް ވުރެ ވެސް ބޮޑު މެޖޯރިޓީއެއް،" ތޯރިގް ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް ވިދާޅުވީ އޭނާ މަގާމާ ހަވާލުވީ އުއްމީދުތަކާ އެކު ކަމަށާއި އެކަމަކު އަސާސީ ގަވާއިދުގައި އޮތް ތަންކޮޅެއްގެ ބޭނުން ހިފައިގެން، މެމްބަރުންތަކެއް އިސްތިއުފާ ދީ މަގާމުން ދުރުވާން މަޖުބުރޫވީ ކަމަށެވެ.
"އެކަމަކު ހެޔޮއެދޭ ފަރާތްތަކާއި ގާތް ރަށްޓެހިންގެ އެދުުމުން އަލުން ވާދަކުރަން ނިންމި ސަބަބަކީ އަޅުގަނޑު ފެށި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން. އަޅުގަނޑަކީ ކްލަބް ލެވެލް އާއި ގައުމީ ފެންވަރުގައި 2003 އިން ފެށިގެން ފުޓްބޯޅަ ކުޅެ މިކަމުގައި ހަރަކާތްތެރިވާ މީހެއް. އަޅުގަނޑު އޭރު ވެސް ބުނަމުން އައީ ޕްލޭން ހަދައިގެން ދިގު މުއްދަތަކަށް އަމާޒުތަކެއް ކަނޑަޅައިގެން ނޫން ގޮތަކަށް ދިވެހި ފުޓްބޯޅަ ކުރިއެރުވޭކަށް ނެތޭ. އެ މަސައްކަތް ކުރިއަށް ގެންދާނަން އިންތިހާބު ވެއްޖެ ނަމަ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މި ފަހަރު އޭނާގެ އެކްސްކޯ އަށް ހުށަހަޅާނީ ކްލަބްތަކުގެ މަންދޫބުމުން ކަމަށާއި ކްލަބް ހިންގުމުގައި ގުރުބާނީވެ ބުރަކޮށް މަސައްކަތްކޮށްފައި ތިބި ފަރާތްތަކުގެ ބޭނުން ހިފާނެ ކަމަށެވެ. އަދި އެންމެ ފަހުގެ ތަޖުރިބާ އިން އެނގިގެން ދިޔައީ ފުޓްބޯޅަ ކުޅެފައި ހުއްޓަސް، ކްލަބް ހިންގުމާއި މިފަދަ ކަންކަމުގައި އުޅެފައި ނެތް ނަމަ މިކަމުގެ ހަގީގީ އިހުސާސް ނުކުރެވޭނެކަން ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑު އެންޑޯޒްކުރީ އިތުބާރުކުރެވޭ ބަޔަކު. އެކަމަކު މައްސަލަތަކެއް ދިމާވީ. މި ފަހަރު ތިބޭނީ ކްލަބްތަކުގެ މަންދޫބުން. ކްލަބްތަކުން ބޭނުންވާ ގޮތަކަށް ކްލަބްތަކުގެ ރުހުމާ އެއްގޮތަށް މި ފަހަރު ކުރިއަށް ގެންދާނީ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކްސްކޯ އިސްތިއުފާ ދެއްވި މެމްބަރުން އެހެން ކެންޑިޑޭޓަކާ އެކު އަލުން އެފްއޭއެމަށް ވަންނަން މަސައްކަތްކުރާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އިސްތިއުފާ ދެއްވި މެމްބަރުން ތޯރިގަށް ކުރި ތުހުމަތުތަކަށް ދެއްވާނީ ކޮން ޖަވާބެއްތޯ އެހުމުން ތޯރިގް ވިދާޅުވީ ޖަވާބުދާރީވާން ޖެހޭވަރުގެ ވާހަކައެއް އެ ބޭފުޅުން ނުދައްކަވާ ކަމަށެވެ.
"އެ ބޭފުޅުން ދެކޭ ގޮތް ނުވަތަ ހިޔާލުތަކެއް ފާޅުކުރެއްވީ. ޖަވާބުދާރީ ވާން ޖެހޭ ވަރުގެ މާ ބޮޑު ވާހަކަތަކެއް ނެތް ދައްކަވާފައެއް،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް މިއަދު ފޯމް ހުށައެޅުއްވިއިރު، އޭނާއާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މާޒިޔާގެ ކޯޗު އަލީ ސުޒޭން ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ފިޝަރީޒް މިނިސްޓަރުގެ ނައިބް ޝާހު އިސްމާއިލް ބައިވެރިވެވަޑައިގަތެވެ.