ކޮވިޑް-19: މާލޭގައި ތާށިވެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފި
ކޮވިޑް-19: މާލޭގައި ތާށިވެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފި

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ރަށްރަށަށް ނުދެވި ތާށިވެފައި ތިބި މީހުން އެ ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީން ކުރުމަށް އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވި އެވެ.

އަލީ ކުރިން ވިދާޅުވެފައިވަނީ ރަށްރަށަށް ނުދެވިގެން 5،000 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ އަތޮޅުތެރޭ 10،000 އެއްހާ ރައްޔިތުން މާލޭގައި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި އެ މީހުންނަށް އެ މީހުންގެ ރަށްތަކަށް ދެވޭނެ ގޮތް ހަމަޖައްސައި ދޭން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ މިއަދު ވިދާޅުވީ މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީން ކުރުމަށް ކުރިން ބޭނުން ކުރަމުން އައި ހަތަރު ރިސޯޓްގެ އިތުރުން ތިން ރިސޯޓެއް މިއަދު ހަމަޖައްސައިފައިވާ ކަމަށެވެ.

އަލަށް ހަމަޖެއްސި ތިން ރިސޯޓަކީ ހދ. ހޮނޑާފުއްޓާއި ފ. ފިލިތެޔޮ އަދި މ. މެދުފުއްޓެވެ.

މީގެ ކުރިން ރަށްރަށަށް ނުދެވި ތިބި މީހުން ކަރަންޓީން ކުރަމުން އައީ އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓްގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓްގަ އެވެ.

އަލީ ވިދާޅުވީ އެ ރިސޯޓްތަކާއެކު ދަތިކަމެއް ނެތި ކަރަންޓީންގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ރިސޯޓްތަކުގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހު ކޮވިޑް-19 އަށް ކުރާ ޓެސްޓް ނެގަޓިވްވުމުން އެ މީހެއްގެ ރަށަށް އެމީހަކު ފޮނުވައިދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މާލޭން ރަށްރަށަށް މީހުން ދިއުން ރައްކާތެރި ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންކަމުން ކަރަންޓީން ނުކޮށް ރަށްރަށަށް މީހުން ނުފޮނުވަން ވަނީ ނިންމާފަ އެވެ.

"އަތޮޅުތެރެއަށް ބަލި ފެތުރުން ކުޑަކުރުމަށް، އުނދަގުލަސް މިއީ ނުހަނު ބޭނުންތެރި ކަމެއް. ކެތްތެރިކަމާއެކު ހިތްވަރު ގަދަ ކުރައްވާ،" އަލީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މާލޭގައި ތާށިވެފެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ރިސޯޓްތަކެއް ހަމަޖައްސައިފައިވާއިރު ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރު ކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭން ބޭރުން އަންނަ މީހުންނާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ބައްދަލުވި މީހުން ކަރަންޓީން ކުރުމަށްވެސް ބޭނުން ކުރަމުން އަންނަނީ ރިސޯޓްތަކެވެ. ގެސްޓް ރޫމްތަކުގައި މީހުން ބައިތިއްބާއިރު ކެއުމާއި އެހެނިގެން ކަންކަންވެސް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައިދެ އެވެ.