14 މެއި 2020 - 11:08

ރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ރާއްޖޭގައި ތިބި ސްރީ ލަންކާގެ ބައެއް މީހުން އަނބުރާ ގެންދަން ފަށައިފި އެވެ.
ލަންކާ މީހުން ގޮވައިގެން ސްރީ ލަންކަން އެއާލައިންގެ ފުރަތަމަ ބޯޓު ފުރީ މިއަދު ހެނދުނު އެވެ.
އިއްޔެ ވަނީ ރާއްޖޭގައި ތިބި ޕާކިސްތާނާއި އިތުރު އެހެން ގައުމުތަކުގެ ބައެއް މީހުން، ލަންކާ އަށް ގެންގޮސްފަ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި 108 ބިދޭސީއަކު އިއްޔެ ވަނީ އެ ގައުމަށް ގެންގޮސްފަ އެވެ.
ލަންކާ މީހުންނަށް ހާއްސަކޮށްގެން މިއަދު ބޭއްވި ފްލައިޓުގައި ގެންދިޔައީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރާގޮތުން، ރާއްޖޭގައި ތިބި 350 ބިދޭސީއަކު މިއަދު ލަންކާއަށް ދާނެ އެވެ. އެ އެންމެން ވެސް ލަންކާގައި 14 ދުވަސް ވާންދެން ބައިތިއްބާނީ، އެ ގައުމުގެ ސިފައިން ބަލަހައްޓާ ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ހާހެއްހާ މީހުން މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު ވަނީ، އެ މީހުން ބަލާ އައި ދެ މަނަވަރެއްގައި އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އެކަމަކު، މަނަވަރުން ދިޔަ ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް، އިއްޔެ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެ އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވަނީ 955 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެކަމަކު އަވަށްޓެރި ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ މަދީ ސްރީ ލަންކާ މީހުންނެވެ. ޕޮޒިޓިވް މީހުންގެ ތެރޭގައި ބަންގްލާދޭޝްގެ 506 މީހަކާއި އިންޑިއާގެ 98 މީހަކު ހިމެނެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ތިބީ ސްރީ ލަންކާގެ ހަ މީހަކެވެ.