14 މެއި 2020 - 10:14

ސިންގަޕޫރު (މެއި 14) - ސިންގަޕޫރުގެ ޑޯމިޓަރީތަކުގައި އުޅޭ 323،000 ބިދޭސީ މަސައްކަތު މީހުން ކޮރޯނާވައިރަހަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ލޯރެންސް ވޮންގްއާ ހަވާލާދީ ސްޓްރައިޓްސް ޓައިމްސް އިން ބުނެފި އެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތު މީހުން ސިންގަޕޫރުގައި ދިރިއުޅޭ އިރު އެ މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރިތޯ ބެލުމަށް ޕޮލިމަރޭޒް ޗެއިން ރިއެކްޝަން (ޕީސީއާރް) އަދި (އެންޓިބޮޑީޒް އަށް) ސީރޮލޮޖިކަލް ޓެސްޓް ހަދާނެ އެވެ.
ވޮންގް ވިދާޅުވީ ބިދޭސީން އުޅޭ ޑޯމިޓަރީތަކުން މިހާރު ވެސް ދަނީ ދުވާލަކު 3،000 މީހުން ޓެސްޓް ކުރަމުން ކަމަށެވެ. އަދި ޓެސްޓް ކުރުން އިތުރުކޮށް ޖުލައި މަހަށްވާ އިރަށް ހުރިހާ ބިދޭސީ މަސައްކަތު މީހުން ޓެސްޓްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިންގަޕޫރުގައި ކޮރޯނާވައިރަސް ފެތުރުން ފަހަކަށް އައިސް އިތުރުވާން ފެށުމުން ހުރިހާ ބިދޭސީ މަސައްކަތްތެރިން ވަނީ އެ މީހުން އުޅޭ ޑޯމިޓަރީތަކުގައި ކަރަންޓީންކޮށްފަ އެވެ. ޕޮޒިޓިވް ކޭސްތައް ސިންގަޕޫރުގައި އިތުރުވާން ފެށީ ޑޯމިޓަރީތަކުންނެވެ.
ސިންގަޕޫރުގައި މިހާތަނަށް ވަނީ 25,346 މީހުން ޕޮޒިޓިވްވެ 21 މީހުން މަރުވެފަ އެވެ.