ދެން އޮންނަ ބަހުސެއްގެ ކުރިން ހިލަރީގެ ޑްރަގު ޓެސްޓް ކުރަން ޖެހޭ: ޓްރަމްޕް
ދެން އޮންނަ ބަހުސެއްގެ ކުރިން ހިލަރީގެ ޑްރަގު ޓެސްޓް ކުރަން ޖެހޭ: ޓްރަމްޕް

ނިއު ޔޯކް (އޮކްޓޯބަރު 16) - އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ހިލަރީ ކްލިންޓަން ހުންނެވީ "ވަރަށް މަތީގައި" ކަމަށާއި އެހެންވެ ދެން އޮންނަ ރިޔާސީ ބަހުސެއްގެ ކުރިން ދެ މީހުންގެ ވެސް ޑްރަގު ޓެސްޓް ކުރަން ޖެހޭނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނިއު ހެމްޝަޔާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެންމެ ފަހުން އޮތް ބަހުސް ފެށި ފަހުން ވެސް ހުންނެވީ ވަރަށް މަތީގައި ކަމަށެވެ. އަދި އެހެންވެ ދެ މީހުން ވެސް ޑްރަގަށް ޓެސްޓް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕުގެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް ވިދާޅުވެފައެއް ނުވެ އެވެ. ހިލަރީ އާއި ޓްރަމްޕުގެ ފަހު ބަހުސް ބާއްވާނީ ބުދަ ދުވަހު އެވެ.

ޓްރަމްޕުގެ ރެލީތަކުގައި ދަނީ ހިލަރީ އަށް ޒާތީ ގޮތުން ދެއްވާ ބަހުގެ ހަމަލާތައް އިތުރު ކުރައްވަމުންނެވެ. ޓްރަމްޕް ވަނީ ހިލަރީ ޖަލަށްލައްވާނެ ކަމަށް ވިދާޅުވާ ވާހަކަތައް ތަކުރާރު ވެސް ކުރައްވައިފަ އެވެ. އަދި ރައީސްކަން ކުރެއްވޭ ވަރަށް ހިލަރީގެ ބުންވަރު ނެތް ކަމަށާއި އެކަމަނާ ކޮންމެވެސް ބާވަތެއްގެ ޑްރަގެއް ނަގާ ކަމަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޓްރަމްޕުގެ ކެމްޕޭނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަންހެނުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ އެ ވާހަކަތައް މީޑިއާތަކާ ހަމައަށް ތިލަކޮށްފައިވުމުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ވަކި ބައެއްގެ ރޭވުމުގެ ދަށުން އޭނާގެ އަގު ވައްޓާލުމަށް ހިންގާ ބޮޑު ކެމްޕޭނެއް ކަމަށެވެ.