ކޮރޯނާވައިރަސް ދެން ނައްތައެއް ނުލެވޭނެ: ޑަބްލިއުއެޗްއޯ
ކޮރޯނާވައިރަސް ދެން ނައްތައެއް ނުލެވޭނެ: ޑަބްލިއުއެޗްއޯ

ޖެނީވާ (މެއި 14) - ކޮރޯނާވައިރަސް ދެން ފަސޭހަ އިން ދުނިޔެ އިން ނައްތާނުލެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރުކޮށްފި އެވެ.

ކޮރޯނާވައިރަސް ދެން ނައްތައެއް ނުލެވޭނެ: ޑަބްލިއުއެޗްއޯ
ކޮރޯނާވައިރަސް ދެން ނައްތައެއް ނުލެވޭނެ: ޑަބްލިއުއެޗްއޯ

ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު ޑރ. މައިކް ރަޔަން ވިދާޅުވީ ކޮރޯނާވައިރަސް ދުނުޔެ އިން ފިލައިގެން ދާނެ ދުވަހެއް ލަފާ ކުރަން ވެސް ނޭނގޭ ކަމަށެވެ. އަދި ވައިރަހަށް ވެކްސިނެއް ހޯދުނު ނަމަވެސް ބަލި ކޮންޓްރޯލްކުރަން، ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮރޯނާވައިރަހަކީ ވެސް މިހާރު ދުނިޔެ އަށް އިތުރުވި ރޯގާއެއް. މި ވައިރަސް ދެން ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ވާޗުއަލް ނިއުސް ކޮންފަރެންސްގައި ރަޔަން ވިދާޅުވި އެވެ. "އެޗްއައިވީ ވެސް ދުނިޔެ އިން ނައްތާލެވިފައެއް ނުވޭ. ދުނިޔެ އަށް މި ޖެހެނީ އެ ވައިރަހާ ވެސް އެކު އުޅެން."

ޑރ. ރަޔަން ވިދާޅުވީ މީޒަލްސް ފަދަ ބަލިތަކަށް ވެކްސިނެއް އުފެއްދި ނަމަވެސް އެފަދަ ބަލިތައް ވެސް ނައްތާލެވިފައި ނުވާ ކަމަށެވެ.

ކޮރޯނާވައިރަހަށް މިހާރު ދަނީ 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކޮރޯނާވައިރަސް އަދިވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ މި އިންޒާރު ދިން އިރު ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ލޮކްޑައުން ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗްއޯ އިން ކުރިން ބުނެފައި ވަނީ ލޮކްޑައުން މާކުރިން ހުޅުވާލައިފި ނަމަ ދެވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށެވެ.

މުޅި ދުނިޔޭން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 4,417,903 މީހުން ޕޮޒިޓިވްވެ 297,382 މީހުން މަރުވެފަ އެވެ.