ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި
ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި

މިދިޔަ ސީޒަނުގެ ފަހުބައިގެ ތެރޭގައި ކަކުލަށް އަނިޔާވެ ގައުމީ ޓީމުގެ ތިން ކުޅުންތެރިޔަކު ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވި ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ނާއިމް ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ އަނިޔާއިން ރަނގަޅުވެ އެނބުރި އައުމަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި
ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އުފަން ރަށް ކ. ގުރައިދޫ އިން ފުރަތަމަ ފެނުނު ނާއިމްގެ މިހާރުގެ ކްލަބް އީގަލްސް އަށް އޭނާ ކުޅެން ފެށީ 2017 ވަނަ އަހަރު އެވެ. އެ ޓީމުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ތަފާތު ދައްކަމުން އައި ނާއިމަށް ސީނިއާ ގައުމީ ޓީމުން މީގެ ދެ އަހަރު ކުރިން ގައުމީ ޓިމުގެ ކުރީގެ ކޯޗު ޕީޓަ ސެގާޓް ފުރުސަތު ދިނީ އޭނާގެ ހުނަރަށް ބެލުމަށް ފަހު އެވެ. އެއްވެސް އުމުރުފުރައެއްގެ ގައުމީ ޓީމަށް ނުކުޅެ ނާއިމް ވަނީ ސީނިއާ ޓީމުން ލިބުނު ފުރުސަތުގެ ވެސް ބޭނުން ހިފައިފަ އެވެ.

ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި
ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި

މިދިޔަ އަހަރަކީ ނާއިމްގެ ކެރިއަރުގެ ބޮޑު ފެށުމެކެވެ. ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ގައުމީ ޓީމުގެ މެޗުތަކުގައި ކުޅުނެެވެ. އެކަމަކު މެޗުތަކުގެ ލޯޑު ބޮޑުވަމުން ގޮސް އެންމެ ފަހުން އަނިޔާއާ ކުރިމަތިލާން ޖެހުނީ އެވެ.

އުމުރުން 23 އަހަރުގެ ނާއިމްގެ ކަކުލަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އޮކްޓޫބަރު މަހު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަށިގަނޑުގައި ނާއިމް ދަނޑުން ބޭލިއިރު އޭނާގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. އެކަމަކު އޭރު ވެސް އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ ވަރުގަދަކޮށް އެނބުރި ދަނޑަށް އައުމަށެވެ.

"ވަރަށް އުނދަގޫ ވަގުތެއް އެއީ. އެކަމަކު އެއީ އެ ވަގުތު ދިމާވި ގޮތް. ބޭނުންވަނީ އަލުން މަސައްކަތްކޮށްގެން އެ އަޒުމުގައި ދަނޑަށް އަންނަން." ނާއިމް "މިހާރަ"ށް ބުންޏެވެ.

ނާއިމް އަށް ސީޒަންގެ ފަހު ބައި އެއްކޮށް ގެއްލުނެވެ. އޭނާ އޮޕަރޭޝަން ކުރީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ. އަލުން ދަނޑަށް އަންނަން ހުރި އަޒުމުގައި މަސައްކަތްކުރަމުން ދަނިކޮށް އޭނާ އަށް ވެސް ކުރިމަތިވި ގޮންޖެހުމަކީ ކޮވިޑް-19ގެ ސަބަބުން ދިމާވި ހާލަތެވެ. އެ ބަލި މާލޭގައި ފެތުރެން ފެށުމުގެ ކުރިން ނާއިމް ވަނީ އޭނާގެ އަންހެނުން ރަށް އދ. ދަނގެއްޗަށް ގޮސްފަ އެވެ.

"އައިޖީއެމްއެޗް އިން ފިޒިއޯ ޖައްސަމުން އައީ. ވަރަށް ރަނގަޅަށް ރިހެބިލިޓޭޝަން ދަނިކޮށް ކޮވިޑް ކަންތަަކާ ހުރެ އުނދަގޫ ހާލަތެއް ދިމާވީ. އެކަމަކު އަންހެނުން ރަށް ދަނގެއްޗަށް އައިސް މިހާރު މި ކޮޅުގައި ޖިމް ޖައްސަމުން މި އަންނަނީ. އެކަނި ވިޔަސް މަސައްކަތް މި ކުރަނީ މި ކޮޅުގައި. މަސައްކަތްކޮށްގެންވާން އޮތީ،" ނާއިމް ކިޔައިދިނެވެ.

ނާއިމަށް އަނިޔާވުމަކީ ޓީމަށް ލިބޭނެ ދެރައެއްގެ ގޮތުގައި އެ ވަގުތު ވެސް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ފާހަގަކުރި އެވެ. އޭގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާއިމްގެ އަނިޔާއާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ވަނީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކާ ބެހޭގޮތުން ރަނގަޅު ވާހަަކަތަކެއް ދައްކައި މުހިއްމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިފަ އެވެ.

"ގިނަ ކުޅުންތެރިން އެހެން ރިކަވާނުވެގެން ގޮސް ތިބީ. މީގެ މުހިއްމީ ކުޅުންތެރިޔާ ވަށައިގެންތިބޭ މީހުންގެ އެހީތެރިކަން. ކުޅުންތެރިޔާގެ ހިތްވަރަކީ އެންމެ މުހިއްމު ކަންތައް. ދެން ކްލަބާއި އެފްއޭ އާއި އެ ބައިބައިގެ މުހިއްމުކަން ވެސް ބޮޑުވާނެ. އެފްއޭ އިން ޖެހޭނެ ގައުމީ ޓީމުގެ ކުޅުންތެރިޔެއް ވީމަ މެޑިކަލް ޑިޕާޓްމަންޓް މެދުވެރިކޮށް ކުޅުންތެރިޔާގެ ކަންތައްތައް ބަލަން،" ލީގުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މޯހަން ބުންޏެވެ.

ތަޖުރިބާކާރު ކޯޗެއްގެ ހައިސިއްޔަތުން ކުޅުންތެރިންގެ އަނިޔާއާ ގުޅިގެން މޯހަން އަށް ކުރެވިފައިހުރި ތަޖުރިބާ ވެސް އޭނާ ވަނީ އޭރު ހިއްސާކޮށްފަ އެވެ.

"ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންނަކީ ވެސް ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިން. މި ކަހަލަ އިންޖަރީއެއް ދިމާވީމާ އެންމެ ފުރަތަމަ މިދަނީ ރަށަށް، ދެން ގޮސްފައި ރަށުގައި އެތަށް ދުވަހެއް ވެފައި ދެން އެއްކަލަ ރިކަވަރީ އަށް ކުރަން ޖެހޭ މަސައްކަތް ގެއްލިގެން މިދަނީ. މީގައި ގޯސްވަނީ އޮޕަރޭޝަނެއް ކުރަން ޖެހުމެއް ނޫން. އޮޕަރޭޝަނަށް ވާނީ ގިނަ ފަހަރު ކާމިޔާބު އެއަށް ވުރެން މުހިއްމު މި ވަނީ ރިކަވަރީގައި ކުރަން ޖެހޭ މަސައްކަތް. ނަމޫނާ އެއްގެ ގޮތުގައި ބަލަން ޖެހޭނީ ގޯލްކީޕަރު އިމްރާން. ރިކަވަރީގައި އޭނާ ކުރި މަސައްކަތް ފެންނަން އެހުރީ،" މޯހަން ބުންޏެވެ.

ކޯޗެއްގެ ހައިސިއްޔަތުން މޯހަން އަންނަނީ އޭނާގެ ޒިންމާ އަދާކުރަމުންނެވެ. އެ ގޮތުން ނާއިމްގެ ހާލަތު ރަނގަޅަށް ބަލައި ކަންތައްތައް ކުރަމުން އަންނަ ގޮތް އަހަ އެެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ބުނެދީ އަލުން އެނބުރި އަންނަން ހިތްވަރު ވެސް ދެ އެވެ. ނާއިމް ވަނީ އުފަލާ އެކު އެކަން ފާހަގަކޮށްފަ އެވެ.

"ކޯޗު (މޯހަން) ގުޅާފައި ވަރަށް ރަނގަޅަށް ވާނުވާ ބަަލާ. އެއީ އަސްލު ލިބޭ ހިތްވަރެއް. ވަރަށް ރަނގަޅު ކަންތައްތައް ބުނެދީ ހަދާ،" އައިއޯއައިޖީގައި މިދިޔަ އަހަރު ފެނިގެންދިޔަ ރާއްޖޭގެ ހަމައެކަނި ގޯލު ޖެހި ނާއިމް ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން އެފްއޭއެމުން ވަނީ މިދިޔަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެ ގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެފްއޭ ކަޕް ކެންސަލްކުރުމާ އެކު ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އީގަލްސް އަށް ވަނީ އަންނަ ސީޒަނުގެ އޭއެފްސީ ކަޕުގެ ކޮލިފައިން ބުރުން ޖާގައެއް ލިބިފަ އެވެ. މިއީ އެ ކްލަބް ތާރީހުގައި ސަރަހައްދީ މި ފަދަ މުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ކުރީގެ ފޯމަށް އެނބުރި އައިސް އަންނަ ސީޒަނަށް އާ އަޒުމެއްގައި ނާއިމް ތައްޔާރުވާން ބޭނުންވާ އެއް ސަބަބަކީ ވެސް އެ އެވެ.

"އަންނަ ސީޒަނަށް ވާއިރަށް ވަރަށް ރަނގަޅަށް ތައްޔާރުވާން ބޭނުންވަނީ. މަސައްކަތްކޮށްފިއްޔާ ނުވާނެ ކަމެއް ނޯންނާނެއޭ އަބަދުވެސް ހިތުގައި އޮންނަނީ. އެންމެންގެ ސަޕޯޓާ އެކު ވަރަށް އަވަހަށް ކުޅެން ބޭނުން،" ނާއިމް ބުންޏެވެ.