މާފުށީ ޖަލުން ނެގި 38 ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް
މާފުށީ ޖަލުން ނެގި 38 ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް

މާފުށީ ޖަލުން ނެގި 30 އަށްވުރެ ގިނަ ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.

އެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ ގައިދީންނާއި ޖަލު އޮފިސަރުން ހިމެނޭހެން ރެންޑަމްކޮށް ނެގި 38 ސާމްޕަލް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން ރޭ ޖަލުގައި މަރުވި 92 އަހަރުގެ ފިރިހެން މީހާގެ ސާމްޕަލް ވެސް ނަގާފައި ވެ އެވެ. އޭނާގެ ޓެސްޓު ވެސް ކޮވިޑް-19 އަށް ނެގެޓިވެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 މާފުށީ ޖަލަށް ވާސިލް ވެފައިތޯ ބަލަން ސާމްޕަލް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. އެއީ 15 ގައިދީއަކާއި 23 އޮފިސަރެއްގެ ސާމްޕަލެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ޖަލުގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން، އާއިލީ ބައްދަލުވުންތަކަށް މީހުން ޖަލަށް ވެއްދުން ވަނީ ހުއްޓާލައިފަ އެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރި ގޮތުުން ޖަލަށް ވައިރަސް ވަދެއްޖެ ނަމަ ވަރަށް ހަލުވިކޮށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 950 އަށްވުރެ މައްޗަށް ގޮސްފަ އެވެ. އެ ބަލީގައި ހަތަރު ވަނަ މީހާ މިރޭ މަރުވެފައި ވެ އެވެ.