ކުލި ނުދެއްކޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭން ފާސްކޮށްފި
ކުލި ނުދެއްކޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭން ފާސްކޮށްފި

ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ އިޖުތިމާއީ ކޮމެޓީގެ ރިޕޯޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ބެހޭގޮތުން އިޖުތިމާއީ ކޮމިޓީން ތައްޔާރުކޮށް، މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ސަރުކާރަށް ހަތް ކަމެއް ހުށަހަޅަން ނިންމާފައިވެ އެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބަވައިވެރިވެ ވަޑައިގަތް 66 މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓްގައި ވަނީ އަމިއްލަ ފަރާތްތަކަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަވާނެ ގޮތަކަށް އިގްތިސާދީ ޕެކޭޖްގެ ދަށުން ލުއި ދިނުމަށާއި ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށެވެ.

ކޮމެޓީން ސަރުކާރަށް ހުށަހަޅަން ފާސްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިގްތިސާދީ ޕެކޭޖް ދިނުމަށް ފަހު، އެ ފަރާތަކުން އަމަލު ކުރަމުންދާ ގޮތް ޖޮބް ސެންޓަރުން ބަލަމުން ގެންދިއުން ހިމެނެ އެވެ. އެ ޕެކޭޖް އެއްފަހަރާ ދޫ ނުކުރުމަށާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ނަމަ، އޭގެ ވަކި ޕަސެންޓެއް ޖޫރިމަނާ ގޮތުގައި ނެގުމަށް ވެސް އެ ކޮމިޓީން ހުށަހަޅާފައިވެ އެވެ.

ކޮމިޓީގެ އަނެއް ހުށަހެޅުމަކީ، މާލެ އާއި އަތޮޅުތަކުގެ ތަފާތު ކުރުމެއް ނެތި ސްކޫލް ކުދިންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމާއި ސްކޫލްތައް ބަންދު ވިޔަސް، ތައުލީމު މެދުނުކެނޑި ގެންދިއުށްޓަކައި އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމެވެ.

އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން ނޫނީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން ނުހުޅުވުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ރިޕޯޓުގައި ދެ ކަމެއް ހިމެނުއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7،000 ފްލެޓު ވީހާ ވެސް އަވަހަކަށް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމެވެ. ދެވަނަ ކަމަކީ ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ދެ ކަންތައް ރިޕޯޓުގައި ހިމެނުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. ނުފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވުމުން މަޖިލީހުން ފާސްކޮށްފައިވަނީ އެ ދެ އިސްލާހު ރިޕޯޓުގައި ހިމަނަން ނުފެންނަ ކަމަށެވެ. އެހެންވެ، ދެ އިސްލާހު ވެސް ފެއިލް ވީ އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ބަހުސްގައި ވަނީ ކުލި ދެއްކޭނެ ގޮތް ނެތް މީހުންނަށް ސަރުކާރުން އެލަވަންސެއް ހަމަޖައްސައި ދޭން ރިޕޯޓުގައި ހިމަނަން ހުށަަހަޅުއްވައިފަ އެވެ. ނަމަވެސް ލިޔުމުން ހުށަހަޅާފައިނުވާތީ އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ބައެއް މީހުންގެ ވަޒީފާ ގެއްލި، އަނެއް ބައެއްގެ މުސާރަ އުނިކޮށްފައިވާތީ، މާލޭގައި ދިރިއުޅޭ މީހުންނަށް ގޭގޭގެ ކުލި ދެއްކުމުގައި ވަނީ ބޮޑެތި ދތިތަކާ ކުރިމަތިވެފަ އެވެ. ބައެއް ގެތަކުން ކުއްޔަށް އުޅޭ މީހުންނަށް ރަނގަޅު ގޮތްތަކެއް ހަދައިދިން ނަމަވެސް ބައެއް އާއިލާތަކަށް ކުލި ދެއްކުމުގައި ތާށިވެގެން ވަނީ ގެތަކުން ނެރެފަ އެވެ. އެ ފަދަ އާއިލާތައް މިހާރު ތިބީ ސަރުކާރުގެ ވަގުތީ ހިޔާތަކުގަ އެވެ.