13 މެއި 2020 - 21:31

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތ. ތިމަރަފުށިން މާލެ އަށް ވަޑަގަތުމުގައި ސުލޫކީ މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޔާޒް ތިމަރަފުށިން މާލެ ވަޑައިގެންނެވުމުގައި އިމްތިިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވާފައިވާ ކަަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ރިޔާޒް މާލެ ވަޑައިގެންނެވިކަން ޓްވިޓާގައި އޭރު ހާމަކުރެއްވުމުން އެކަމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ ލޮކްޑައުން ކުރި އިރު އެކި ރަށްރަށަށް ގޮސްތިބި އެތައް ބަޔަކަށް މާލެ ނާދެވި ވަނިކޮށް ރިޔާޒަށް އެ ހުއްދަ ލިބިވަޑައިގެންނެވި ގޮތަކާ މެދުގަ އެވެ.
ރިޔާޒް އޭރު ވިދާޅުވީ އޭނާ ވަޑައިގަތީ ފުލުހުން ހުއްދަ ދިނުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިރާޖް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ރިޔާޒް މާލެ ވަޑައިގަތުމަށް ހުއްދަ ދީފައިވޭތޯ އާއި ހުއްދަ ދީފައި ވަނީ ކޮން ސަބަބަކާ ހެދިތޯ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށެވެ.
މަޖިލީހުގެ ސުލޫކީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ރިޔާޒް މާލެ ވަޑައިގަތީ ހުއްދަ ލިބިގެންކަން ފުލުުހުން ދިން ލިޔެކިއުންތަކުން އެނގެން އޮންނާތީ ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ކަނޑައެޅުމަށެވެ. އޭނާ ވިދާޅުވީ ރިޔާޒް މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެންކަން، ފުލުހުންގެ ފަރާތުން ލިބިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގޭ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރިޔާޒަށް ހުއްދަ ދީފައި އޮތީ ގޭޖް ނަމަކަށް ކިޔާ ކުންފުންޏަކަށް ދިން ހުއްދައެއްގައި ކަމަށާއި އޭނާ މާލެ ވަޑައިގަތީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ކޮމިޓީގެ ގިނަ މެމްބަރުން ތާއީދު ކުރެއްވުމުން ވޯޓަށް އެހީ އެގޮތަށް ނުފެންނަ މެމްބަރަކު ހުންނެވިތޯ ބެލުމަށެވެ. އެގޮތަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެހެންވެ ނާޒިމްގެ ހުށަހެޅުން ފާސްވީ އެވެ.
ރިޔާޒަށް ހުއްދަ ދިން ގޮތާ ބެހޭ ގޮތުން ފުލުހުންނާ މީގެ ކުރިން އެކި ޕްރެސް ބްރީފިން ތަކުގައި ވެސް ސުވާލުކޮށްފައި ވެ އެވެ. ފުލުހުން އޭރު ވެސް ބުނެފައި ވަނީ އޭނާ އަށް ހުއްދަ ދީފައި ވަނީ އެކަމަށް އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.