13 މެއި 2020 - 21:44

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންގެ ފަރާތުން، ހޮސްޕިޓަލްތަކަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޕީޕީ ސޫޓާއި ފޭސް ޝީލްޑާއިި ގޮގުލް އަދި މާސްކް ހަދިޔާކުރީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ އާއި ހުޅުމާލެ ހޮސްޕިޓަލް އަދި މެޑިކަލް އެސޯސިއޭޝަނަށެވެ.
ދަރިވަރުން ހަދިޔާކުރި 500 ފޭސް ޝީލްޑުގައި ހާއްސަ މެސެޖެއް ވެސް ލިޔެފައި ވެ އެވެ. ޣިޔާސުއްދީންގެ ދަރިވަރުން ބުނިގޮތުގައި އެ ކުދިން ސަލާމަތާއި ރައްކާތެރިކޮށް ތިބީ ސިއްހީ ހިދުމަތްތެރިންގެ ސަބަބުންނެވެ. އެހެންވެ އެކަމަށް ޝުކުރު އަދާކޮށްފައި ވެ އެވެ.
ދަރިވަރުންގެ ފަރާތުން ތަކެތި ހަދިޔާކުރުމުގައި އުޅުނު ބެލެނިވެރިއަކު ބުނިގޮތުގައި 110 ގޮގުލް ފިޔަވައި ދެން ހުރި އެއްޗެހި ފަހާފައިވަނީ ބެލެނިވެރިން ކަމަށެވެ. ދަރިވަރުންގެ ވެސް އެހީއާ އެކު 34 ސޫޓާއި 10 ގައުން އަދި 200 މާސްކް ތައްޔާރުކޮށްފައި ވެ އެވެ.
ސޫޓް ފެހުމުގައި ޑޮކްޓަރުންގެ ލަފާ ވެސް ވަނީ ހޯދައިފަ އެވެ.
"ސްކޫލުގެ ކޮމިއުނިޓީ ސާވިސް ގްރޫޕުން އިސްނަގައިގެން މަސައްކަތް ފެށީ. ބެލެނިވެރިން އެކި ގޮތްގޮތުން އެހީތެރިކަން ދީގެން ދެ ހަފުތާގެ ތެރޭގައި މަސައްކަތް ނިންމާލެވުނީ. ތިން ބެލެނިވެރިއަކު ޝީލްޑް ތައްޔާރުކުރުމުގައި، ހަތަރު ބެލެނިވެރިއަކު މާސްކް އަދި ގައުން ހެދުމުގައި ތިން ބެލެނިވެރިން ބައިވެރިވި. ފައިސާގެ އެހީ އަދި އެ އެއްޗެހިތައް ހަވާލުކުރުމުގައި ވެސް އެހެން ބެލެނިވެރިންގެ އެހީތެރިކަން ލިބުނު،" ތަކެތި ހަދިޔާކުރުމުގައި އިސްކޮށް އުޅުނު ބެލެނިވެރިއަކު ބުންޏެވެ.
އެ ސްކޫލުގެ ޕްރިިންސިޕަލް އަލީ މުސްތަފާ ވިދާޅުވި ގޮތުގައި އެހީތެރިކަން ބޭނުންވާ ވަގުތު ޣިޔާސުއްދީންގެ ދަރިވަރުން އަބަދު ވެސް ތިބޭނީ ތައްޔާރަށެވެ. މީގެ ކުރިން ވެސް އެކި ކަންކަމުގައި އެ ދަރިވަރުން ނަމޫނާ ދައްކާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.