ކްރޮސްރޯޑްސް އިން ހަ ބަގީ އެންއީއޯސީ އަށް ދީފި
ކްރޮސްރޯޑްސް އިން ހަ ބަގީ އެންއީއޯސީ އަށް ދީފި

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ރެޕިޑް ރެސްޕޯންސް ޓީމު (އާރުއާރުޓީ) ބޭނުންކުރަން ކްރޮސްރޯޑްސް އިން ދިން ހަ ބަގީ ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން "މިހާރު" އަށް ވިދާޅުވީ މި ބަގީތައް ހަދިޔާކުރީ އެންއީއޯސީން ވަގުތީ ގޮތުން ބޭނުންކުރަން ކަމަށެވެ. އެ ތަކެތި އެންއީއޯސީ އަށް ދީފައި ވަނީ ކްރޮސްރޯޑްސްގެ ހާޑްރޮކް މޯލްޑިވްސް އާއި ސައި ލެގޫން މޯލްޑިވްސް އިންނެވެ.

ބަގީތައް ދިނީ، ސާމްޕަލް ނެގުމުގެ މަސައްކަތުގައި އާރުއާރުޓީމަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައި ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސާމްޕަލް ނަގަން ހަނި މަގުތަކުގައި [ކާރު ފަދަ ތަކެތީގައި] ދުއްވަން އުނދަގުވުމުން، ރިސޯޓުތަކުގައި ދުއްވާ ބަގީތައް އެންއީއޯސީއަށް ލިބިދާނެތޯ އެތަނުން އެދުނީ،" ހައްސާން ވިދާޅުވި އެވެ.

ހައްސާން ވިދާޅުވި ގޮތުގައި އެތަނުގެ ބޭނުމަށް ހަ ބަގީ ހޯދަން އެންއީއޯސީން އެދުނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އަދި އެ ތަކެތި ހޯދަން މިނިސްޓްރީން ކުރި މަސައްކަތަށް އެންމެ ފުރަތަމަ ޖަވާބު ދިނީ ކްރޮސްރޯޑުން ކަމަށާއި އާރްއާރްޓީގެ މަސައްކަތް ކުރިއަށްދާހާ ދުވަހަކު އެ ޓީމަށް އެ ބަގީތަށް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުން ކްރޮސްރޯޑްސް އަށް ޓޫރިޒަމް މިނިސްޓްރީން ޝުކުރު އަދާ ކުރި އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ގަ އެވެ. މިހާތަނަށް 904 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ގިނައީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވި ބިދޭސީންނެވެ. މި ބަލިން މިހާތަނަށް 32 މީހަކު ރަނގަޅުވެފައިވާ އިރު ތިން މީހަކު މަރުވެފައިވެ އެވެ.