13 މެއި 2020 - 18:27

މަސްވެރިކަމަށް ޒުވާނުން ހޭލުންތެރިކުރަން "ޒުވާން މަސްވެރިޔާ"ގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ ހަސަން ސާޖިން، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
އުރީދޫން ބުނީ ސޯޝަލް މީޑިއާގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ގއ. ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ ސާޖިން ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުތުމާ އެކު، މަސްވެރިކަމުގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ، މުސްތަގުބަލެއް އޮތް ދާއިރާއެއް ކަން ގިނަ ޒުވާނުންތަކަކަށް އިހުސާސް ކުރެވުނު ކަމަށެވެ. ސާޖިންގެ އަޒުމަކަށްވީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާ ކުރުމެވެ.
މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން ސޯޝަލްމީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިން ވަނީ ދިވެހިންގެ މަގުބޫލުކަން ހޯދައިފަ އެވެ.
"ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ވެސް ރެޖިސްޓާކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލައި ދާއިރާގެ ކުރިމަގަށް ސާޖިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުރީދޫއާ އެކު އަލަށް މި ފެށުނު ޕާޓްނާޝިޕްގެ ދަށުން، މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފަ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އުރީދޫން މަސައްކަތް ކުރާނެ ކަމަށެވެ.
"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު، އަދި ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތެއް. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ދަނީ ކާމިޔާބާއި ހިތްވަރާއެކު ބުރަ މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އުރީދޫގެ އެމްބެސެޑަރުކަމާ ހަވާލުވެ ސާޖިން ބުނީ، އުރީދޫން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެފަދަ ކުންފުންޏަކާ ގުޅިގެން މަސައްކަތްތަކެއް ކުރަން ފުރުސަތު ލިބުމަކީ ލިބުނު އުފެއްލެއް ކަމަށެވެ.
"އުރީދުއާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ފަށައިގަތުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،" އޭނާ ބުންޏެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫން ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.