01 ޖޫން 2016 - 08:43

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ކުރީގެ ޗެއާމަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ހާއްސަ ޝުކުރެއް ހައްގުވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި އިއްޔެ ވާހަކަ ދައްކަވަމުން ބައްސާމު ވިދާޅުވީ އިއްޔެ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަަށް އުފާވެރި ދުވަހެއް ކަމަށެވެ.
"މިއީ ދިވެހި ފުޓްބޯޅަ އަށް ވަރަށް އުފާވެރި ދުވަހެއް. ދިވެހި ފުޓްބޯޅަ ސަސްޕެންޝަނަކަށް ކައިރިވެފައި އޮއްވާ އެކަމުން ސަލާމަތްކުރެވުނު ދުވަސް. މިއަދަކީ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެވިގެން އޭގެ ނިމުން އައި ދުވަސް،" ބައްސާމް ވިދާޅުވި އެވެ.
ފީފާއިން އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި ރާއްޖޭގެ ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް ކްލަބްތަކަށްދޭ މާލީ އެހީތެރިކަން އެތައް ގުނައަކަށް އިތުރު ކޮށްދިނެވެ. އަދި އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައި ގިނަ ރަށްތަކެއްގެ ދަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި މުބާރާތްތަކުގެ ފައިސާގެ އިނާމް ބޮޑުކުރި އެވެ.
ބައްސާމް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާ އަދާކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެހެން ނަަމަވެސް ކެތްތެރިކަމާ އެކު ރާއްޖެ ސަސްޕެންޑްނުވެ ސަލާމަތުވެ އައްސޭރިއަކަށް ގެންދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ޝަވީދު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށާއި އެ ކަމުގެ ސަބަބުން ފުޓްބޯޅަ އަށް ފައިދާހުރި ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމް އިންތިހާބަށް ވާދަކުރައްވާނެ ކަމަށް ޝަވީދު ފުރަތަމަ އިއުލާނުކުރެއްވި އެވެ. ނަމަވެސް ކުޅިވަރާ ބެހޭ މިނިސްޓްރީއާ ދެމެދު އެތައް ފަހަރެއްގެ މަތިން އުފެދުނު ހިޔާލުތަފާތުވުން ތަކަށްފަހު ޝަވީދު ނިންމެވީ އިންތިހާބުގައި ވާދަނުކުރެއްވުމަށެވެ. ދެ ވަނަ ފަހަރަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހުޅުވާލިއިރު ކުރިމަތިލީ އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. ޓޮމް އިންތިހާބުވީ އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓުން ގިނަ ކްލަބްތަކެއްގެ ރުހުން ލިބިގެންނެވެ.
ބައްސާމް ވިދާޅުވީ ޓޮމްގެ ވިސްނުންތެރިކަމާ އެކު ދިވެހި ފުޓްބޯޅަ އަށް ގިނަގުނަ ކުރިއެރުންތަކެއް ލިބި ފާގަތި މުސްތަގުބަލެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.