ކުލި ދައްކަން ސަރުކާރުން އެލަވަންސެއް ދޭން ހުށަހެޅި އިސްލާހު ފާހެއް ނުވި
ކުލި ދައްކަން ސަރުކާރުން އެލަވަންސެއް ދޭން ހުށަހެޅި އިސްލާހު ފާހެއް ނުވި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބުން ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ކުލި ދެއްކުމަށް ސަރުކާރުން އެލަވަންސްއެއް ހަމަޖައްސައި ދިނުމަށް، އިޖުތިމާއީ ކޮމެޓީގެ ރިޕޯޓުގައި ހިމަނަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ފާސްނުކޮށް މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އެ ކޮމިޓީގެ ރިޕޯޓުގައި ސަރުކާރަށް ހަތް ކަމެއް ހުށަހަޅަން ނިންމާފައިވާއިރު، ރިޕޯޓު މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ވައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓުގައި ދެ ކަމެއް ހިމެނުއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7،000 ފްލެޓު ވީހާ ވެސް އަވަހަކަށް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމެވެ. ދެވަނަ ކަމަކީ ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ދެ ކަންތައް ރިޕޯޓުގައި ހިމެނުމާ ގުޅޭގޮތުން ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. ނުފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވުމުން މަޖިލީހުން ފާސްކޮށްފައިވަނީ އެ ދެ އިސްލާހު ރިޕޯޓުގައި ހިމަނަން ނުފެންނަ ކަމަށެވެ. އެހެންވެ، ދެ އިސްލާހު ވެސް ފެއިލް ވީ އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ބަހުސްގައި ވަނީ ކުލި ދެއްކޭނެ ގޮތް ނެތް މީހުންނަށް ސަރުކާރުން އެލަވަންސެއް ހަމަޖައްސައި ދޭން ރިޕޯޓުގައި ހިމަނަން ހުށަަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ބައެއް މީހުންގެ ވަޒީފާ ގެއްލި، އަނެއް ބައެއްގެ މުސާރަ އުނިކޮށްފައިވާތީ، މާލޭގައި ދިރިއުޅޭ މީހުންނަށް ގޭގޭގެ ކުލި ދެއްކުމުގައި ވަނީ ބޮޑެތި ދތިތަކާ ކުރިމަތިވެފަ އެވެ. ބައެއް ގެތަކުން ކުއްޔަށް އުޅޭ މީހުންނަށް ރަނގަޅު ގޮތްތަކެއް ހަދައިދިން ނަމަވެސް ބައެއް އާއިލާތަކަށް ކުލި ދެއްކުމުގައި ތާށިވެގެން ވަނީ ގެތަކުން ނެރެފަ އެވެ. އެ ފަދަ އާއިލާތައް މިހާރު ތިބީ ސަރުކާރުގެ ވަގުތީ ހިޔާވަހިތަކުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ބެހޭގޮތުން އިޖުތިމާއީ ކޮމިޓީން ތައްޔާރުކޮށް، މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ އަމިއްލަ ފަރާތްތަކަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަވާނެ ގޮތަކަށް އިގްތިސާދީ ޕެކޭޖްގެ ދަށުން ލުއި ދިނުމަށާއި ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށެވެ.

ކޮމިޓީގެ ހުށަހެޅުން ތަފްސީލް ކޮށްދެއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ކޮމިޓީން ނިންމާފައި ވަނީ ވެސް ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ.

"ގެ ކުއްޔަށް ދީގެން ހުރި މީހާ، އޭނާ ކުލި ކުޑަކުރުމަކަށް ނޫން މި ކޮމެޓީން މި ހުށަހަޅަނީ. އެހެން ނަމަވެސް ކުލި ނުދެއްކޭ، އާމްދަނީ ދަށްވުމުގެ ސަބަބުން ކުލި ނުދެއްކޭ މީހާ އަށް ދައުލަތުގެ އެހީތެރިކަމެއް ދިނުމަށް ހުށަހެޅުން އެކެއްގައި މިވަނީ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެޓީން ސަރުކާރަށް ހުށަހަޅަން ފާސްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިގްތިސާދީ ޕެކޭޖް ދިނުމަށް ފަހު، އެ ފަރާތަކުން އަމަލު ކުރަމުންދާ ގޮތް ޖޮބް ސެންޓަރުން ބަލަމުން ގެންދިއުމަށް ހިމެނެ އެވެ. އެ ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ނަމަ، އޭގެ ވަކި ޕަސެންޓެއް ޖޫރިމަނާ ގޮތުގައި ނެގުމަށް ވެސް އެ ކޮމިޓީން ހުށަހަޅާފައިވެ އެވެ.

ކޮމިޓީގެ އެއް ހުށަހެޅުމަކީ، މާލެ އާއި އަތޮޅުތަކުގެ ތަފާތު ކުރުމެއް ނެތި ސްކޫލް ކުދިންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމާއި ސްކޫލްތައް ބަންދު ވިޔަސް، ތައުލީމު މެދުނުކެނޑި ގެންދިއުށްޓަކައި އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމެވެ.