ރާނާ ދަގޫބަތީ އެންގޭޖްވެއްޖެ، ކައިވެނި ޑިސެމްބަރުގައި
ރާނާ ދަގޫބަތީ އެންގޭޖްވެއްޖެ، ކައިވެނި ޑިސެމްބަރުގައި

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމު "ބާހްބަލީ" ގެ ނެގަޓިވް ރޯލް ބައްލާ ދޭވްގެ ކެރެކްޓާ ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ރާނާ ދަގޫބަތީ އެންގޭޖްވެއްޖެ އެވެ.

އިންސްޓަގްރާމްގައި އޭނާ އެކަން ހިއްސާކޮށްފައި ވަނީ ލޯބިވެރިޔާ މިހީކާ ބަޖާޖްއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. ރާނާގެ އެންގޭޖްމަންޓާ އެކު ވަރަށް ގިނަ ރައްޓެހިންނާއި ފޭނުން މަރުހަބާ ކިޔާފައިވެ އެވެ.

ރާނާ އާއި މީހީކާ މިހާރު އަންނަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ތައްޔާރުވަމުންނެވެ.

މިކަމާ ބެހޭ ގޮތުން ރާނާގެ ބައްޕަ ދަގޫބަތީ ސުރޭޝް ބާބޫ ހައިދަރުއާބާދު ޓައިމްސް އަށް ބުނީ ދެ މީހުން އެންގޭޖްވުމަކީ މި ލޮކްޑައުންގެ ތެރޭގައި ދެ ފަރާތުގެ އާއިލާ އަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"އެ ދެ ކުދިން އެންގޭޖްވި އިރު، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވެސް އެތައް ދުވަހެވެއްޖެ. އަހަރެމެން މި ތިބީ ވަރަށް އުފަލުން. ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ހަފުލާ ބޭއްވޭތޯ ދެ ފަރާތުގެ އާއިލާ އިން ވެސް މަސައްކަތްކުރާނެ،" އޭނާ ބުންޏެވެ. "އަހަރެމެން މިހާރު ވެސް މި ތިބީ ތައްޔާރީތަކުގެ ތެރޭގައި."

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ރާނާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ހައުސްފުލް 4" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ލޮކްޑައުނާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ "ހާތީ މޭރޭ ސާތީ" އެވެ.

ރާނާ، 35، އަކީ އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ތަރި އެވެ. އޭނާގެ ލޯބިވެރިޔާ މިހީކާ އަކީ ޗެލްސީ ޔުނިވަސިޓީން އިންޓީރިއާ ޑިޒައިންގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލުކޮށްފައިވާ ވިޔަފާވެރިއެކެވެ. އެގޮތުން ޑިއު ޑްރޮޕް ސްޓޫޑިއޯގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ހިންގަ އެވެ.