13 މެއި 2020 - 13:40

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ދެ މީހަކު، ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުން ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ، އެނބުރި ދިއުމާ އެކު، އިއްޔެ ޓެސްޓު ކުރުމުންނެވެ. އެ މަނަވަރުގައި ޓްރިޗީގެ 16 މީހަކު ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވި އިރު އަނެއް 14 މީހުންގެ ޓެސްޓު ނެގެޓިވް އެވެ.
ރާއްޖެ އިން ގެންދާ އިންޑިއާ މީހުން ބޭނުންވާ ތަންތަނަށް ދެވޭނީ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް ފަހު ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ރާއްޖެ އިން އެންމެ ފުރަތަމަ ފުރި 698 މީހުންގެ ގުރޫޕްގެ ވެސް ކަރަންޓީންގެ މުއްދަތު އަދި ހަމައެއް ނުވާނެ އެވެ. ރާއްޖެ އިން ދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓު ކޮށްފައިވީ ނަމަވެސް އެ ދެ މީހުންނަށް ޓްރިޗީ އަށް ދެވުނު ގޮތާ މެދު ސުވާލު އުފެދެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ މީހުން ގޮވައިގެން އެންމެ ފުރަތަމަ މަނަވަރެއް ގޮސްފައިވަ ނީ މިދިޔަ ހުކުރު ދުވަހު އެވެ. އިންޑިއާ ސިފައިންގެ އެ މަނަވަރުން 698 މީހުން ގެންދިޔަ އެވެ. މިދިޔަ އާދިއްތަ ދުވަހު ފުރި ދެ ވަނަ މަނަވަރުގައި، 202 މީހުން އެނބުރި ގައުމަށް ދިޔަ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ، ކޮން އުޅަނދެއްގައި ތިބި ބައެއް ކަމެއް ސާފެއް ނުވެ އެވެ.
ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި މި ދެ މީހުންނަކީ ސީދާ މަނަވަރުން ދިޔަ ބައެއް ކަމެއް، އިންޑިއާގެ އެއްވެސް އިދާރާއަކުން ރަސްމީކޮށެއް ނުބުނެ އެވެ. އެކަމަކު، ކޮރޯނާވައިރަސްގެ ސަބަބުން ދެ ގައުމު ވެސް ލޮކްޑައުން ކޮށްފައި ވާތީ، މަނަވަރުގައި ނޫން ގޮތަކަށް ރާއްޖޭގައި ތިބި އިންޑިއާގެ އެއްވެސް ބަޔަކު މި ފަހުން އެ ގައުމަށް ގޮސްފައެއް ނުވެ އެވެ.
ރާއްޖޭން ފުރި އެންމެން ވެސް އެންމެ ފުރަތަމަ ގެންދިޔައީ ކޮޗިންއަށެވެ. އެތަނުގައި 14 ދުވަސް ވަންދެން އެ މީހުން ކަރަންޓީނުގައި ތިބޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
އެ ދަތުުރުތަކުގައި އިންޑިއާ އަށް ގެންދިއުމުގައި އިސްކަން ދީފައިވަނީ ސިއްހީ އިމަޖެންސީތަކުގައި އަނބުރާ ދާން ޖެހޭ މީހުންނަށާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި މާބަނޑު އަންހެނުންނާއި އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންނަށެވެ،
ހަލުވި ކަމާއެކު ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް އިންޑިއާގެ 72 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ހާހަކާ ގާތްކުރެ އެވެ.