14 މެއި 2020 - 09:39

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑް ހަފުލާ ފެބްރުއަރީ މަހުގެ ތެރޭގައި ނުބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ކޮރޯނާވައިރަހާ ހެދި ފިލްމީ ދާއިރާ އަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް ވަގުތު ނަގާނެތީ، އަންނަ އަހަރުގެ އޮސްކާ އެވޯޑްސް ބާއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި ކަމަށެވެ.
މިހާރު ތާވަލުކޮށްފައި އޮތް ގޮތުން އަންނަ އަހަރުގެ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 28 ގަ އެވެ.
ހަފުލާ ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޮސްކާ އެވޯޑްސް އިންތިޒާމްކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން އެކަން އަދި ރަސްމީކޮށް އެކަން އިއުލާނެއްނުކުރެ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.
މިދިޔަ މަހު ވަނީ އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގައި ފުރަތަމަ ފަހަރަށް ސިނަމާތަކުގައި ނާޅުވައި، ޑިޖިޓަލްކޮށް ރިލީޒްކުރާ ފިލްމުކަށް ވާދަކުރުމުގެ ފުރުސަތު ވެސް ދޭން ނިންމިކަން އިއުލާންކޮށްފަ އެވެ. އެގޮތަށް ނިންމީ ކޮވިިޑް-19 އާ ގުޅިގެން ކުރިމަތިވި ލޮކްޑައުންތަކާ ހެދި، ސިނަމާތައް ބަންދުކުރެވި، ފިލްމުތައް ތިއޭޓަރުތަކުގައި ދެއްކުން ހުއްޓިފައިވާތީ އެވެ. ނަމަވެސް މިހާރު ބައެއް ގައުމުތަކުން ލޮކްޑައުންތަކަށް ލުއި ދެމުން އަންނާތީ މަދުމަދުން އަންނަނީ ބައެއް ގައުމުތަކުގައި ސިނަމާތައް ހުޅުވަމުންނެވެ.
އަންނަ އަހަރުގެ އޮސްކާ އަށް ގެނައި އަނެއް ބަދަލަކީ ކުރިން ދެ ކެޓަގަރީއެއްގެ ގޮތުގައި އެވޯޑް ދެމުން ދިޔަ ސައުންޑް މިކްސިން އާއި ސައުންޑް އެޑިޓިން އެއް ކެޓަގަރީއަކަށް ހަދައި، ބެސްޓް ސައުންޑްގެ ނަމުގައި އެވޯޑް ދޭން ނިންމުމެވެ.