13 މެއި 2020 - 12:26

ސަރުކާރުން އެކިއެކި އުސޫލުތައް ހަދާއިރު ރައްޔިތުން މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާ ހިޔާލުފުޅުތައް ބޭނުން ކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ 13 ކޮމެޓީއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެ ކޮމިޓީތަކުގެ ރިޕޯޓްތައް މަޖިލީހުގެ ތަޅުމުން ފާސް ކުރުމުން ފޮތެއްގެ ގޮތުގައި އެ ރިޕޯޓްތައް ނެރުއްވާނެ ކަމަށެވެ. އޭގެ ބޭނުމަކީ މަޖިލީހުން ދެކޭގޮތް ސަރުކާރަށް ހާމަކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެއަށްފަހު ނަޝީދު ވިދާޅުވީ އެކިކަންކަމާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާ ހިޔާލުތައް ސަރުކާރުން އުސޫލުތައް ހަދާއިރު ބޭނުން ކުރައްވާ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުން ބަހުސް ކުރާ މިންވަރަށް ބައްލަވައި، ނުވަތަ ބަހުސްކުރާ މިންވަރުގައި ފާހަގަ ކުރައްވާ ނުކުތާތައް އެބަ ސަރުކާރުގެ އުސޫލުތަކުގެ ތެރޭގައި ވަރަށް ރަނގަޅަށް ހިމެނިގެން އާދޭ،" ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ސަރުކާރުން މިއަދު ގެޒެޓްކުރި އުސޫލަށް ބެލިޔަސް އެކަން ފާހަގަ ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހިއުމަން ރައިޓްސް ކޮމެޓީން ނުވަތަ އެހެން ކޮމެޓީއަކުން ނިންމަވާފައި ހުރި ކަންތައްތަކާ އަޅައި ބައްލަވައިފިނަމަ އިއްޒަތްތެރި މެމްބަރުންނަށް ފާހަގަވެވަޑައިގަންނަވާނެ ތި އިއްޒަތްތެރި މެމްބަރުންގެ ތަނަވަސް ހިޔާލާއި މަޝްވަރާ އާއި ފިކުރު ދައުލަތުގެ ކަންކަމުގައި ދާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. ސަރުކާރުން ހުށަހަޅާ ބިލްތަކާއި ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުން އަންނަނީ ފާސްކޮށް ދެމުންނެވެ.