14 މެއި 2020 - 09:30

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގައި ހާލުޖެހޭ ކުޑަކުދިންނަށް އެހީވާން "ނޯ ހަންގްރީ ކިޑް" އިން ކުރިއަށް ގެންދާ ކެމްޕޭނަށް އެމެރިކާގެ ރެޕާއަކު ހަދިޔާކުރި 200،000 ޑޮލަރު ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ އެ ޖަމިއްޔާ އިން ގަބޫލުނުކޮށް ދޫކޮށްލީ ދާދި ފަހުން ޖަލު ހުކުމަކުން މިނިވަންވި ރެޕާ ޑެނިއަލް ހަނަންޑޭޒް (6ix9ine) ދިން އެހީ ކަމަށެވެ. އޭނާ އަކީ ގޭންގް ހަދައިގެން މާރާމާރީ ހިންގުމާއި ވައްކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާތަކެއް އުފުލި، ކުށުގެ ބޮޑެތި ރެކޯޑްތަކެއް އޮތް ފަންނާނެކެވެ.
"ނޯ ހަންގްރީ ކިޑް" ޖަމިއްޔާ ހިންގާ ޝެއާ އަވާ ސްޓްރެންތުން ބުނީ ޑެނިއަލް، 24، ގެ ފަރާތުން ދިން އެހީ ގަބޫލުނުކުރީ އޭނާ އަކީ އެ ޖަމާއަތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ނުފެތޭ ޑޯނާއަކަށްވާތީ އެވެ. އެހެންވެ ކުށުގެ ރެކޯޑް އޮންނަ އަދި އަހުލާގީ ބޮޑެތި މައްސަލަތައް ހުންނަ މީހުންގެ ފަރާތުން ލިބޭ އެހީތައް ގަބޫލުނުކުރާނެ ކަމަށް ބުންޏެވެ.
ޝެއާ އަވާ ސްޓްރެންތުން ވަނީ އުސޫލުތައް ހަމަޖެހިފައި އޮތް ގޮތުން ޑެނިއަލްގެ އެހީ ގަބޫލުކުރެވެން ނެތް ނަމަވެސް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.
އެހީ ގަބޫލުނުކުރި މައްސަލާގައި ޑެނިއަލް އިންސްޓަގްރާމްގައި "ނޯ ކިޑް ހަންގްރީ" އަށް ފާޑުކިޔައި އެ ނިންމުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ބުނުމަށް ފަހު، އެ ޕޯސްޓް ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ.
"ނޯ ކިޑް ހަންގްރީ" އަކީ އެމެރިކާގައި ބަނޑުހައިނޫހުނުކަން ނައްތައިލަން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
ކޮވިޑް-19އާ ގުޅިގެން އެތަނުން ފެށި ކެމްޕޭނަށް މަޝްހޫރު ވަރަށް ގިނަ ފަންނާނުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންޖެލީނާ ޖޮލީ އާއި ޕްރިޔަންކާ ޗޯޕްޅާ އާއި ވިނިތު ޕަލްޓްރޯ ފަދަ ތަރިން ހިމެނެ އެވެ.