16 އޮކްޓޯބަރ 2016 - 13:50

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމުގައު ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލައްވައިފި އެވެ.
ތޯރިގް ވަނީ މަގާމަށް ކުރިމަތިލުމުގެ ފޯމްތައް މިއަދު އެފްއޭއެމްއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އޭނާއާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މާޒިޔާގެ ކޯޗު އަލީ ސުޒޭން ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ފިޝަރީޒް މިނިސްޓަރުގެ ނައިބް ޝާހު އިސްމާއިލް ބައިވެރިވެވަޑައިގަތެވެ.
މީގެ ތިން މަސް ކުރިން ބޭއްވި އިންތިހާބު ތޯރިގް ކާމިޔާބުކުރެއްވި ނަމަވެސް އޭނާ އަށް މަގާމުގައި ހުންނެވޭ ގޮތް ނުވީ އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމުން އެކްސްކޯ އުވިފައިވާތީ އެވެ. އެކަމަކު އާ އިންތިހާބެއް ބާއްވައި މަގާމްތަކަށް މީހުން ހޮވެންދެއް ރަމްޒީ ގޮތުން ރައީސްގެ މަގާމުގައި ތޯރިގް ދެމި ހުންނަވާނެ އެވެ.
ތޯރިގް ރަސްމީ ގޮތުން މިއަދު އެފްއޭއެމަށް ކެންޑިޑެސީ ހުށަހެޅި އިރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ ރޭ އޭނާގެ ނަން އެންޑޯޒްކޮށްފަ އެވެ.
ފޯމް ހުށަހެޅުމަށް ފަހު ތޯރިގް ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެވޭނެ ވަރުގެ މެޖޯރިޓީއެއް ލިބިފައިވާ ކަމަށާއި މަގާމަށް އަލުން ކުރިމަތިލާން ނިންމީ ވެސް ކްލަބްތަކުގެ ތާއީދު އޮތުމުން ކަމަށެވެ.
"އަޅުގަނޑު އެފްއޭއެމަށް ސިޓީ ހުށަހެޅީ ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބާއި ދެ ވަނަ ޑިވިޝަނުން ވޯޓްލުމުގެ ހައްގު ލިބިގެންވާ ނުވަ ކްލަބާއި ތިން ވަނަ ޑިވިޝަނުގެ 10 ކްލަބުގެ ތެރެއިން ހަ ކްލަބެއްގެ ތާއީދާ އެކު. އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ މެޖޯރިޓީ އަށް ވުރެ ގިނަ ކްލަބްތަކުން އަޅުގަނޑުގެ ނަން ވަނީ އެންޑޯޒްކޮށްފައި،" ތޯރިގް ވިދާޅުވި އެވެ.
އިންތިހާބަށް ދެން ކުރިމަތިލައްވާފައިވަނީ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އެ ޓީމުގައި، ތޯރިގާ މެދު ހިތްހަމަނުޖެހިގެން އެކްސްކޯ އިން އިސްތިއުފާ ދެއްވި މެމްބަރުން ހިމެނެ އެވެ. އެކްސްކޯ އުވުމުގެ ކުރިން އެފްއޭއެމްގެ ރައީސް ތޯރިގް ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި ފީފާ އިން ވަނީ ބައްސާމް އަލުން މަގާމާ ހަވާލުވާން އަންގައިފަ އެވެ.
އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީއެއް ނެތުމާ އެކު އިންތިހާބު އިއުލާންކޮށް މިވަގުތު އެފްއޭއެމް ހިންގުމާ ހަވާލުވެފައިވަނީ ބައްސާމެވެ. އެކަމަކު އިންތިހާބު ކުރިއަށްގެންދާނީ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީންނެވެ.