12 މެއި 2020 - 22:03

މާލޭގައި ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ ވެމްކޯގެ މުވައްޒަފުންގެ ތެރެއިން ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ ހުކުރުދުވަހު އެޗްޕީއޭ އިން އެކަން އެންގުމާ އެކު އެ ތަނުގައި މަސައްކަތް ކުރި އެންމެން ކަރަންޓީންކޮށް އެ އޮފީސް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އެކަމަކު ވެމްކޯ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގީ އެ މުވައްޒަފު ޕޮޒިޓިވްވުމުގެ ކުރިންނެވެ. އެ ނަތީޖާ މިއަދު ލިބުނު އިރު އެއްވެސް މުވައްޒަފަކު ޕޮޒިޓިވް ނޫން ކަމަށް ވެމްކޯ އިން ބުންޏެވެ.
"ރެންޑަމް ސާމްޕަލް ނަގާފައި މިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ. އެއީ ކުނި ނަގަން ދާ މުވައްޒަފުން. އެ ރިޒަލްޓްތައް ނެގެޓިވް،" ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް ވިދާޅުވި އެވެ.
ވެމްކޯގެ ކޯލް ސެންޓަރު ހިންގަނީ މަޖީދީމަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީސް އިމާރާތުގަ އެވެ. ކޯލް ސެންޓަރު މިހާރު ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ. އެޗްޕީއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ އޮފީސް ހުޅުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެހެން މުވައްޒަފެއް އެ ބައްޔަށް ޕޮޒިޓިވްވިކަން ނުވަތަ ނޫން ކަން އެނގޭތީ 14 ދުވަހުގެ ކަރަންޓީން މުއްދަތުގެ ތެރޭގަ އެވެ.
ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވިޔަސް ވެމްކޯއިން އަންނަނީ ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. ނަމަވެސް ކުނި ބަލައި ވެމްކޯގެ މުވައްޒަފުން މިހާރު ގޭގެއަކަށް ނުދެ އެވެ. ގޭބިސީތަކުން ޖެހެނީ މަގުމައްޗަށް ކުނި ނެރޭށެވެ.