12 މެއި 2020 - 21:17

ޓެރަރިޒަމާއި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގެ ހޯދުންތައް ގަވާއިދުން ޕްރޮސެކިއުޓާ ޖެނެރަލާ ހިއްސާ ކުރަމުން ގެންދަން ފުލުހުންނަށް މިއަދު އަންގައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސޮއި ކުރައްވައި، މިއަދު ނެރުއްވި ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ އިރުޝާދުގައިވާ ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން ބަންދުގައި މީހުން ތިބި މައްސަލަތަކުގެ ތަހުގީގުތަކުގެ މައުލޫމާތު މަދުވެގެން ހަފުތާއަކު އެއްފަހަރު ޕީޖީއާ ހިއްސާކުރަން ޖެހޭނެ އެވެ. އަދި އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ނުވާ ނަމަ ނުވަތަ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ ނަމަ، މަދުވެގެން ކޮންމެ 15 ދުވަހަކުން އެއްފަހަރު އެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް އެ އިރުޝާދުގައިވެ އެވެ.
އެގޮތުން މައުލޫމާތު ހިއްސާ ކުރާއިރު، ތަހުގީގަށް އެހާތަނަށް ހޯދި ހޯދުންތަކާއި ކުރުމަށް ރާވާފައިވާ ކަންކަމާއި ތަހުގީގުގެ މިސްރާބު ހިއްސާކުރަންވާނެ ކަމަށް އެ އިރުޝާދުގައިވެ އެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ޕީޖީއަށް މައްސަލަ ފޮނުވާއިރު ތަހުގީގު ހިނގި ގޮތް އެނގޭނެ ލިޔުމަކާއި ތަހުގީގުކުރި މީހާގެ ބަޔާނެއް ވެސް ފޮނުވަން އަންގާފައިވެ އެވެ.
އެ އިރުޝާދުގައިވާ ގޮތުން ތަހުގީގުކުރި މީހާގެ ބަޔާނުގައި، އެ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކާ ސުވާލު ނުކުރެވި އޮތް ނަމަ އޭގެ ސަބަބާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކާއި ނުހޯދޭ މައުލޫމާތުތަކާއި ތަހުގީގުގެ މިސްރާބު އެނގެން އޮންނަން ވާނެ އެވެ. އަދި ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ނުވަތަ އޭނާއާ ގުޅުން އޮތް ބައެއްގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ނަމަ، އެކަން ބަޔާން ކުރުމަށާއި އެކަމަށް އަޅަން ފެންނަ ފިޔަވަޅެއް ވެސް އެ ބަޔާނުގައި އޮންނަންވާނެ ކަމަށް އެ އިރުޝާދުގައިވެ އެވެ.
މީގެ އިތުރުން އެ މައްސަލައަކާ މެދު ތަހުގީގުކުރި މީހާ ދެކޭ ގޮތާއި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން އަދަބު ކަނޑައަޅާއިރު، އަދަބުގެ ދަރަޖަ މަތި ކުރުން ނުވަތަ ދަށް ކުރުމާ މެދު ތަހުގީގުކުރި މީހާ ދެކޭ ގޮތް ވެސް ބަޔާން ކުރަން ޖެހޭނެ ކަމަށް އެ އިރުޝާދުގައިވެ އެވެ.
ޕީޖީ އެގޮތަށް ފުލުހުންނަށް އެންގެވިއިރު، ޓެރަރިޒަމްގެ ތުހުމަތު ކުރެވުނު ބަޔަކަށް ދައުވާ ނުކުރެވި ބަންދުން ދޫކޮށްލަން ޖެހުނު މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ހުޅުމާލޭގައި ބޭރު ބަޔަކަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ އެ މީހުން ބަންދުން ދޫކޮޮށްލުމަށް ފަހު ހައި ކޯޓުގެ މޮނިކޮން އަމުރެއްގެ ދަށުން އެ މީހުންގެ ފައިގައި މިހާރު ވަނީ ޓެގް އަޅުވައިފަ އެވެ. އެކަމަކު އެ މައްސަލާގައި އިހުމާލެއް އޮތްތޯ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން އަންނަނީ ބަލަމުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޖިިނާއީ ތަހުގީގުތައް ހިނގަނީ ގާނޫނާ އެއްގޮތަށް ތޯ ބެލުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާ އެކެވެ. އެކަމަކު މިއީ ބޮޑެތި ތަހުގީގުތަކުގެ މައުލޫމާތުތައް ޕީޖީއާ ގަވާއިދުން ހިއްސާ ކުރަމުން ގެންދިއުމަށް ތަހުގީގީ އިދާރާއެއްގެ މައްޗަށް އެގޮތަށް އެންގި ފުރަތަމަ ފަހަރެވެ.