16 އޮކްޓޯބަރ 2016 - 14:28

ކޮލަމްބޯ (އޮކްޓޯބަރު 16) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި މައްސަލަތައް އުފެދިފައިވާކަން މީޑިއާ އަށް ތިލަވެފައި ވަނިކޮށް ސީނިއާ ވަޒީރުންނާ އެކު ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ބައްދަލުވުމެއް ބާއްވައިފި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ލޯ އެންޑް އޯޑާ މިނިސްޓަރު ސަގަލާ ރަތުނަޔަކާ އާއި ޚާރިޖީ ވަޒީރު މަންގަލާ ސަމަރަވީރާއި ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ އަދި އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވަސަމް ބައިވެރިވެރިފައިވާ ކަމަށް ޑެއިލީ ނިއުސް އިން ބުންޏެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަނީ ސިޔާސީ އެޖެންޑާއެއްގެ ދަށުން ކަމަށް ސިރިސޭނާ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ބައްދަލުވުމުގައި ބައިވެރިވި ސީނިއާ ވަޒީރަކު ވިދާޅުވީ މަޝްވަރާތައް ދިޔައީ ރަނގަޅަށް ކަމަށާއި ގައުމުގެ ސިޔާސީ ހަމަޖެހުމަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ވެސް ކުރިއެކޭ އެއްގޮތަށް ބަލާނެ ކަމަށެވެ. ރައީސް ސިރިސޭނާގެ ވާހަކަފުޅާ ގުޅިގެން ބްރައިބަރީ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލް އިސްތިއުފާ ދެއްވަފާނެ ކަމަށް ފެތުރިފައިވާ އަޑުތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.
ސިރިސޭނާ މިދިޔަ ހަފުތާގައި ވިދާޅުވީ މިނިވަން މުއައްސަސާތައް އުފެއްދެވީ ޑިމޮކްރެސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ޔަގީންކޮށްދީ އަދި ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މިނިވަން މުއައްސަސަތާކުން ސިޔާސީ އެޖެންޑާތަކާ ދުރުވެ ގައުމުން ކޮރަޕްޝަން ފުހެލަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ތަޖްރިބާކާރުން ބުނަނީ މިއީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ސިރިސޭނާއާ ދެމެދު މައްސަލަތައް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ސިރިސޭނާ އާއި ރަނިލް އަކީ ކުރިން ވާދަވެރި ދެ ޕާޓީއެއްގެ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން އެއްގަލަކަށް އެރުއްވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެންނާށެވެ.