13 މެއި 2020 - 10:37

ވޫހާން (މެއި 13) - ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ 11 މިލިއަން މީހުން ޓެސްޓް ކުރުމުގެ ޕްލޭނެއް ރާވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ޕްލޭން ހަދަމުން އަންނަނީ ވޫހާން ސިޓީގެ ހުރިހާ އަވަށެއްގެ މީހުން ވެސް 10 ދުވަސްތެރޭ ޓެސްޓްކޮށް ނިންމާ ގޮތަށެވެ.

ވޫހާންގެ މުޅި އާބާދީ ޓެސްޓްކުރަން ނިންމާފައި ވަނީ އެ ސިޓީން ދާދި ފަހުން ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާން ފެށުމުންނެވެ. އޭގެ ކުރިން އެޕްރީލް 3 އިން ފެށިގެން ވޫހާން އިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ. ޖެނުއަރީ 23 ގައި ލޮކްޑައުން ކުރި ވޫހާން ސިޓީ 11 ހަފުތާއަށް ފަހު ހުޅުވާލާފައި ވަނީ އެޕްރީލް 8 ގަ އެވެ.
ވޫހާން ޔުނިވާސިޓީގެ ޑިރެކްޓަރަކު ވިދާޅުވީ އެ ސިޓީގެ ގާތްގަނޑަށް 3.5 މިލިއަން މީހުން މިހާރު ވެސް ވަނީ ޓެސްޓްކޮށްފައި ކަމަށެވެ. އަދި ބާކީ ތިބި 6-8 މިލިއަން މީހުން 10 ދުވަސްތެރޭ ޓެސްޓް ކުރުމުގެ ގާބިލްކަން އެ ސިޓީގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގައި މިހާރު އަންނަނީ ދުވާލަކު 300،000 މީހުން ޓެސްޓް ކުރަމުންނެވެ. އެ ގައުމުން މިހާތަނަށް ވަނީ ނުވަ މިލިއަން މީހުން ޓެސްޓްކޮށްފަ އެވެ.
ޗައިނާ އިން މިހާތަނަށް ވަނީ 82,919 މީހުން ޕޮޒިޓިވްވެ 4،633 މީހުން މަރުވެފަ އެވެ. އޭގެ ތެރޭން 3,869 މީހުން މަރުވެފައި ވަނީ ވޫހާން ސިޓީންނެވެ.