މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ބީލަމަށް ލައިފި
މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ބީލަމަށް ލައިފި

ނ. މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ދިން ހުއްދައާ ގުޅިގެން އެތަނުގެ އެކްސްޓެންޝަން މަސައްކަތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އެ އެއާޕޯޓް ބޮޑުކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ހުއްދަ ދިނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މީގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

މިނިސްޓްރީން ބުނީ ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މި މަހުގެ 25 ގެ ކުރިން މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށާއި ރަޖިސްޓްރޭޝަން ފީ އޮންލައިން ދެއްކުމަށް މިނިސްޓްރީގެ އޮންލައިން ޕޯޓަލް ބަނޑޭރި (https://bandeyripay.finance.gov.mv) ބޭނުންކުރެވޭނެ ކަމަށެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދިނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޝަރުތުކޮށްފަ އެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ރިޕޯޓުގައި ކަނޑައަޅާފައިވާ ފަދަ މެނޭޖްމެންޓް ޕްލޭނަކާއި މޮނިޓަރިން ޕްލޭނަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ވެސް އަންގާފައި ވެ އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީން ހުށަހެޅީ މާފަރުގައި ބޮއިން 777 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑުކުރުމުގެ ހުއްދަ އަކަށެވެ.