ބަލައިގަންނަ ވަރަށް ޑެލިވަރީގެ ހިދުމަތް މިހާރު ދެވޭ: ސިޓީ ކައުންސިލް
ބަލައިގަންނަ ވަރަށް ޑެލިވަރީގެ ހިދުމަތް މިހާރު ދެވޭ: ސިޓީ ކައުންސިލް

ރައްޔިތުން ބަލައިގަންނަ ވަރަށް ޑެލިވަރީގެ ހިދުމަތް މިހާރު ލިބެން ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވިދާޅުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރިއިރު، ފިހާރަތަކުން ތަކެތި ނުލިބިގެން ވަރަށް ބޮޑަށް ޝަކުވާ ލިބުނު ކަމަށެވެ. ނަމަވެސް މިހާރު އެފަދަ މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ފެނާއި ގޭސް ނުލިބުމުގެ ޝަކުވާ ވެސް ލިބުނު ކަމަށާއި މިހާރު އެ ޝަކުވާއެއް ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"ޑެލިވަރީގެ ހިދުމަތް ވެސް މިހާރު މި ވަނީ ރައްޔިތުން ބަލައިގަންނަ މިންވަރަށް ލިބެން ފަށާފައި،" ޝަމާއު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، ގިނަ ފިހާރަތަކުން ވަނީ ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފަ އެވެ. ނަމަވެސް އޯޑަރުކުރި ތަކެތި ނުލިބިގެން ނުވަތަ ލަސްވެގެން ގިނަ ބަޔަކު ބޭރަށް ނުކުތުމެވެ. ފުލުހުން ވެސް ކުރިން ބުނިގޮތުގައި ބޭރުގައި އުޅޭ މީހުން ގިނަވީ ޑެލިވަރީ ސިސްޓަމް ފެއިލްވުމުންނެވެ.

ޝަމާއު ވިދާޅުވީ ފިހާރަތަކުގެ ކިއު ވެސް މިހާރު ކުޑަވެފައިވާ ކަމަށެވެ. އޭގެ މާނައަކީ މާ ބޮޑު މައްސަލަތަކެއް ދިމާނުވެ ފިހާރަތަކަށް މުދާ ޑެލިވަރީ ކޮށްދެވުން ކަމަށް ވިދާޅުވި އެވެ.

ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ފުލުހުންގެ ހުއްދައާ އެކު ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ބޭރަށް ދެވެ އެވެ. އެ ހުއްދަ ދީފައިވަނީ ކޮންމެ ގޭބިސީއަކުން ވެސް އެންމެ މީހަކަށެވެ. އެގޮތަށް މިހާރު 28،000 އަށްވުރެ ގިނަ ހުއްދަ ވަނީ ދޫކޮށްފަ އެވެ.

ލޮކްޑައުން ކޮށްފައި ވިއަސް މަގުމަތީގައި އުޅޭ މީހުން ގިނަ ކަމަށާއި އޭގެ ތެރޭގައި ޑެލިވަރީގައި އުޅޭ މީހުންނާއި އެކި ހުއްދަތައް ނަގާފައިވާ މީހުން ހިމެނެ އެވެ. އަދި ބޭރަށް ދިއުމުގެ ހުއްދަ ނަގާފައިވާ މީހުންގެ އަދަދު ވެސް ގިނަ ކަމަށް ވިދާޅުވި އެވެ.

ހުއްދަ އޮތް ކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.