12 މެއި 2020 - 15:04

ބާސެލޯނާ (މޭ 12) – އަންނަ އަހަރު އޮންނަ ބާސެލޯނާގެ އިންތިހާބުގައި އެ ކްލަބުގެ ރައީސްގެ މަގާމަށް ވާދަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މަގާމް ކާމިޔާބުވެއްޖެ ނަމަ ޕެޕް ގާޑިއޯލާ އަލުން ގެންނަން ބޭނުންވާ ކަމަށް އެ ކްލަބުގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވި ލަޕޯޓާގެ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމެވެ.
"އަހަރެން މި އަންނަނީ މަސައްކަތްކުރަމުން ޕްރެޒިޑެންޝިއަލް ކެންޑިޑޭޓެއްގެ ގޮތުގައި ތައާރަފްވުމަށް. އަހަރެން ކުރިން ވެސް ރައީސްކަން ކުރިން، އެނބުރި އަންނަ ހިތްވެފައި މިހިރީ،" ލަޕޯޓާ ވިދާޅުވި އެވެ. 'ގާޑިއޯލާ އެނބުރި އަންނަން އަހަރެން ވަރަށް ބޮޑަށް ބޭނުން. އެކަމަކު މިވަގުތު އޭނާ ހުރީ ސިޓީގައި އެހެންވެ އެއީ އޭނާ ނިންމަން ޖެހޭ ކަމެއް."
ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފައި އޮތުމާ އެކު ގާޑިއޯލާ އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ބާސެލޯނާގެ މިހާރުގެ ޖޯސެފް ބާޓޮމެއޫ އަށް އަންނަ އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަށް ނުބެލެވެ އެވެ. ބާސެލޯނާ މިހާރު ހިންގާގޮތާ މެދު ހިތްހަމަނުޖެހިގެން އެ ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ކްލަބަށް ރަނގަޅު ބަދަލުތަކެއް ގެންނަ ކަމަށް ބުނެ، ބާޓޮމެއު މިހާރު އަމަލުކުރައްވަމުންދާ ދާގޮތުން އެ ކްލަބް ހަލާކުވާނެ ކަމުގެ ބިރު ބޮޑު ކަމަށް ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓެއް ކަމަށް ކަމަށް ވިކްޓަ ފޮންޓް ވަނީ ވިދާޅުވެފަ އެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ދާދި ފަހުން ވަނީ ބާޓޮމެއުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާ ހިމެނެ އެވެ. ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ޒަވީ އަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީ ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީ އެވެ.