12 މެއި 2020 - 14:30

މެޑްރިޑް (މޭ 12) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު ޖޫން 12 ވަނަ ދުވަހު އަލުން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
"އަހަރެން ބޭނުންވޭ ޖޫން 12 ގައި ފަށަން. އެކަމަކު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ އަދި މިއީ ހަމައެކަނި ފުޓްބޯޅައާ ގުޅިފައިވާ ކަމެއް ނޫން. މިއީ މުޖުތަމައު އަށް ވެސް ގުޅިފައިވާ ކަމެއް. އަހަރެމެން އެންމެން ޖެހޭ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ފިޔަވަޅުތަކަށް ތަބާވާން ސަމާލުކަންދޭން،" ޓެބާސް ވިދާޅުވި އެވެ.
އެގޮތުން ސްޕެނިޝް ލީގާއި ދެ ވަނަ ޑިވިޝަނުގެ ޓީމުތަކުން ވަނީ ކުޅުންތެރިން ޓެސްޓްކުރަން ފަށައިފަ އެވެ. އަދި ޓެސްޓް ބުރު ނިންމައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ހިމެނޭ ގޮތަށް ބައެއް ޓީމުތަކުން ވަނީ އިންޑިވިޖުއަލް ތަމްރީންތައް ފަށައިފަ އެވެ.
ޓެބާސް ވިދާޅުވީ ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ސަޕޯޓަރުން ނުވައްދާ ކަމަށާއި ދަނޑުގެ މާހައުލު ފޯރިގަދަކުރަން ކުރެވިދާނެ ކަންކަމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
"މިހާރު ދެން ދަނޑުގައި ސަޕޯޓަރުން ނުތިބޭނެތީވެ، މެޗުތައް ބްރޯޑްކާސްޓްކުރުމުގައި އުފެއްދުންތެރި ގޮތްތަކެއް ގެންގުޅޭނަން،" ޓެބާސް ވިދާޅުވި އެވެ. "ލީގު ފެށުމާ އެކު ކޮންމެ ދުވަހަކު މެޗެއް އޮންނާނެ."
ޔޫރަޕުން އެންމެ އަވަހަށް ފަށާނީ އަންނަ ހޮނިހިރު ދުވަހު ފަށާ ޖަރުމަން ލީގެވެ. އިޓާލިއަން ލީގާއި އިނގިރޭސި ލީގު އަންނަ މަހު ފަށާނެ ކަމަށް ބެލެވެ އެވެ. ސީޒަން އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ކެންސަލްކޮށްފައިވާ ލީގުތަކުގެ ތެރޭގައި ފްރާންސް ލީގާއި ނެދަލެންޑްސް ލީގު ހިމެނެ އެވެ. ޔުއެފާ އިން ރާވާފައިވަނީ ލީގުތައް ޖުލައި 31 ގެ ނިޔަލަށް ނިންމައި އޮގަސްޓް މަހު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ފުރިހަމަކުރާށެވެ.