12 މެއި 2020 - 14:44

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ފެން މީޓަރު ފޮޓޯ އާއި ރީޑިން ފޮނުވޭނެ ހާއްސަ ފީޗާއެއް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މޯބައިލް އެޕްލިކޭޝަނަށް ތައާރަފްކޮށްފި އެވެ.
އެ ކުންފުނިން ބުނީ، އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރުކޮށް އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީން ބުނީ، ފެން ބިލްގެ ރީޓިން އަޕްލޯޑް ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ބިލް ތައްޔާރުވެ، ކަސްޓަމަރުންނަށް އެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ.
މިކަހަލަ ހާއްސަ ފީޗާއެއް ތައާރަފް ކުރެވުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޭގެއަށް ރީޑިން ނަގަން ދިއުމަކީ ކަސްޓަމަރުންނާއި މުވައްޒަފުން ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަމަށެވެ. އެހެން ކަމުން މިގޮތަށް ނިންމީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
މިގޮތަށް ފެން މީޓަރުގެ ފޮޓޯ އަޕްލޯޑް ކުރުމަށް ކަސްޓަމަރުންނަށް އެސްއެމްއެސް ނޯޓިފިކޭޝަން ފޮނުވާނެ އެވެ. އެ ކުންފުނިގެ މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވުމަށްފަހު، އެޕްގެ ހޯމް ސްކްރީން އިން ފެންނަ ރީނދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިތުމުން އެޕްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯ އަކާއި މީޓަރުގެ ޑައިލް އިން ފެންނަ އަށް ޑިޖިޓްގެ ނަންބަރު ޖަހަންޖެހޭނެ އެވެ. މި މައުލޫމާތުތައް ފޮނުވުމުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބިލް ތައްޔާރުވާނެ އެވެ.
މިގޮތަށް އެޕަށް އަޕްލޯޑް ކުރެވޭނީ، އެޕް މެދުވެރިކޮށް އެވަގުތުގައި ނަގާ ފޮޓޯ އެވެ. ފޯނުގެ ފޮޓޯ ގެލެރީން މި ފީޗާގެ ދަށުން ފޮޓޯ އަޕްލޯޑެއް ނުކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
އެކުންފުނިން ބުނީ، ކަސްޓަމަރުންނަށް މީޓަރު ރީޑިން ނުފޮނުވޭ ނަމަ ބިލް ހަދާނީ މިދިޔަ ތިން މަހާއި ހަ މަހުގެ ބިލް އެވްރެޖް ކުރުމަށްފަހު އެވެ. މި ދުވަސްވަރު ބިލް ފޮނުވާނީ ވެސް ޑިޖިޓަލްކޮށް ކަމަށްވާތީ ހުރިހާ ކަސްޓަމަރުން ވެސް އެކުންފުނީގެ އެޕްގައި ރަޖިސްޓާ ވުމަށް އެމްޑަބްލިއުއެސްސީން އެދެ އެވެ.