12 މެއި 2020 - 14:36

ކޮވިޑް-19 ކުރިމަތިވެފައިވާ މިވަގުތު އިންޑިއާ އަކީ ރާއްޖޭގެ ހަގީގީ އެކުވެރިއެއްކަން ދައްކުވައި ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ވެސް ކޮވިޑް-19 ފެތުރި ހާލަތު ގޯސްވެފައިވާ މިވަގުތާ ދިމާކޮށް، އެ ގައުމުން ދިން އެހީތަކަށް ޝުކުރު އަދާކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން މި ފަހުން ހަދިޔާކުރި އަސާސީ ކާބޯތަކެއްޗަކީ ވެސް މިހާރަށް ބޮޑު އެހީއެއް ކަމަށެވެ.
"ބަހައްޓަމުން އަންނަ ރަހުމަތްތެރިކަމާއި ތެދުވެރިކަމަށް ބޮޑުވަޒީރު މޯދީ އަދި އިންޑިއާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ރައީސްގެ ޓްވީޓުގައި ވިދާޅުވި އެވެ.
ކޮވިޑް-19 ގައި ރާއްޖެ އަށް ދިމާވެފައިވާ މި ދަތިތަކުގައި އެންމެ ބޮޑު އެހީއެއް ދީފައިވާ އެއް ގައުމަކީ އިންޑިއާ އެވެ. އެގޮތުން އެ ގައުމުން މިއަދު ވަނީ ރާއްޖެ ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެތި ގެނެސްފަ އެވެ. އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައި ގެނައި ތަކެތީގައި ހިމެނެނީ ކާޑާއި ރީނދޫ މުގާއި އަލުވި އަދި ފިޔާ އެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ މެލޭރިޔާގެ 50،000 ގުޅަ ވެސް އިންޑިއާއިން ވަނީ މިދިޔަ މަހު ހަދިޔާކޮށްފަ އެވެ.
އަސާސީ މެޑިކަލް ސާމާނު ހަދިޔާ ކުރުމުގެ އިތުރުން، އެ ގައުމު ލޮކްޑައުން ކުރުމުގެ ކުރިން އެސްޓީއޯ އިން އޯޑަރުކުރި ބޭސްތަކެއް އިންޑިއާގައި ތާށިވުމުން އެ ތަކެތި ގެންނަން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ.