13 މެއި 2020 - 09:43

ސަނީ ޑިއޯލްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެގައި ހިމެނޭ "ދާމިނީ" ގެ ރިމޭކެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ 1993 ގައި ގެނެސްދިން އެ ފިލްމަކީ ސަނީ އާއި މީނާކްޝީ ސެޝަދުރީގެ އިތުރުން ރިޝީ ކަޕޫރް އަދި އަމްރިޝް ޕޫރީ މުހިއްމު ރޯލްތައް ކުޅުނު ފިލްމެކެވެ. "ދާމިނީ" ގައި ކިޔައިދެނީ ގޭގައި ގެންގުޅުނު ނޯކަރަކު ރޭޕްކޮށްލުމުން އޭނާ އަށް އިންސާފު ހޯދައި ދާމިނީ ކިޔާ އަންހެނު ކުރާ މަސައްކަތުގެ ތެރެގައި ދިވާވާ ހާދިސާތަކެކެވެ.
އެ ފިލްމުގައި ސަނީ ކުޅުނު ވަކީލު ގޯވިންދު ޝްރިވަސްތާވްގެ ކެރެކްޓާ ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އެގޮތުން ސަނީގެ ޑައިލޮގެއް ކަމަށްވާ "ތާރީކް ޕެ ތާރީކް" އަކީ އަދިވެސް ވަރަށް ގިނަ ބަޔަކު ހަނދާން ހުންނަ ޑައިލޮގެކެވެ.
"ދާމިނީ" ގެ ސީކްއެލްއެއް ސަނީ ހަދަން އުޅެނީ މިދިޔަ އަހަރު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނެރުނު އޭނާގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްއާ އެކީގައި ކަމަށް ނޫސްތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ރިމެކެއް ހަދަން ނިންމައި، އޭގެ ރައިޓްސް ހޯދަން ބެލި އިރު، އެ ހައްގު އޮތީ 1993 ގައި ސަނީ ކުޅުނު ފިލްމު "ޑަރް" ގެ ތެރޭގައި އޭނާއާ މައްސަލަ ޖެހުނު ޝާހްރުކް ޚާންގެ އަތުގަ އެވެ. އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގައި "ދާމިނީ" ގެ ރައިޓްސް އޮތް އިރު، އޭގެ ޕްރޮޑިއުސަރުންނަކީ ޝާހްރުކާ ވަރަށް ގާތް ކަމެއް އޮންނަ އަލީ އާއި ކަރީމް މޮރާނީ އެވެ.
ނަމަވެސް ސަނީ "ދާމިނީ" ގެ ރިމެކެއް ހަދަން އުޅޭ ވާހަކަ އެނގުމުން ޝާހްރުކް ވަނީ ސީދާ ސަނީ ގެއަށް ގޮސް ފިލްމުގެ ރައިޓްސް އޭނާ އަށް ދީ، ދެ މީހުންގެ މެދުގައި އޮތް ނުތަނަވަސްކަން ނިމުމަކަށް ގެނެސްފަ އެވެ.
މީޑިއާތަކުން ބުނީ ސަނީ އަށް "ދާމިނީ" ގެ ރައިޓްސް ޝާހްރުކް ދިނީ ކޮރޯނާވައިރަހާ އެކު އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަމަށެވެ.
ނަމަވެސް ފިލްމާ ބެހޭ ގޮތުން ސަނީ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސަނީ ބުނެފައިވާ ގޮތުގައި އޭނާ ޝާހްރުކާ ދޭތެރޭ ހިތްހަމަނުޖެހިފައި ހުރީ ޔާޝް ޗޯޕްޅާ 1993 ގައި ގެނެސްދިން ފިލްމު "ޑަރް" ގައި ކުޅެން ޖެހުނު މަންޒަރަކާ ހެދި އެވެ. އެގޮތުން ބަތަލާ ޖޫހީ ޗާވްލާއާ ހެދި ދީވާނާވެފައިވާ މީހެއްގެ ރޯލް ޝާހްރުކް ކުޅުނު އިރު، ނަފުސާނީ މައްސަލައެއް ހުންނަ މީހަކު، ސަނީ ކުޅުނު ޓްރޭނިން ހަދައިގެން ހުރި ހުޝިޔާރު ނޭވީ އޮފިސަރެއްގެ ކެރެކްޓާ އަށް ވަޅިން ހަމަލާދޭ މަންޒަރަކީ ގަބޫލުކުރެވޭ ކަހަލަ މަންޒަރެއް ނޫން ކަމަށް ބުނެފައިވެ އެވެ. "ޑަރް" ގައި ސަނީ އަކީ ޖޫހީގެ ލޯބިވެރިޔާ އެވެ.
ސަނީ ކިޔައިދިން ގޮތުގައި އެ މަންޒަރާ މެދު ޔާޝްއާ ދެބަސްވެ، ޝާހްރުކްއާ ދޭތެރޭ ވެސް ހިތްހަމަނުޖެހުނީ އެވެ. އަދި އެކަމާ ވަރަށް ރުޅިގަދަވި ކަމަށް ބުނެފައިވެ އެވެ އޭގެ ފަހުން ސަނީ އާއި ޝާހްރުކްގެ މެދުގައި އެއްވެސް ގާތްކަމެއް ނެތެވެ.