ބިދޭސީ ކުޅުންތެރިންގެ އުސޫލަށް ވޮލީން ބަދަލު ގެނެސްފި
ބިދޭސީ ކުޅުންތެރިންގެ އުސޫލަށް ވޮލީން ބަދަލު ގެނެސްފި

ގައުމީ ފިރިހެން އަދި އަންހެން ވޮލީބޯޅަ މުބާރާތާއި ފިރިހެން އަދި އަންހެން ވޮލީބޯޅަ ލީގުގައި ވާދަކުރާ ޓީމުތަކުގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބިދޭސީ ކުޅުންތެރިންނަށް ޖެހޭ ގޮތަށް ވޮލީބޯޅަ އެސޯސިއޭޝަނުން ގަވާއިދު ބަދަލުކޮށްފި އެވެ.

މީގެ ކުރިން ގައުމީ ފިިރިހެން މުބާރާތުގައި ލީގުގައި ޖަހާ ބިދޭސީ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކަށް ވާން ޖެހޭނީ ސެންޓްރަލް ޒޯނުގެ ކުޅުންތެރިޔަކަށެވެ. އަދި މީގެ ކުރިން ގައުމީ އަންހެން މުބާރާތުގައި ޖެހޭނީ ބިދޭސީ އެންމެ ކުޅުންތެރިއެއްގެ ނަމެވެ. ނަމަވެސް އާ އުސޫލާ އެކު އެ މުބާރާތާއި އަދި އަލަށް ތައާރަފްކުރާ އަންހެން ލީގުގައި ކޮންމެ ގައުމަކުން ވެސް، ދެ ކުޅުންތެރިއަކު ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ސެންޓްރަލް ޒޯނުން ކުޅުންތެރިން ހޯދަން ވަރަށް އުނދަގޫ ކަމަށާއި އަދި ލިބޭ ކުޅުންތެރިންގެ ވެސް ދިވެހިންނަށް ވުރެ ފެންވަރު ދަށް ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ނިންމީ ކޮންމެ ހިސާބަކުން ވެސް ކުޅުންތެރިން ގެނެވޭ ގޮތަށް. އާ އުސޫލުގެ ދަށުން ޔޫރަޕުން ވެސް ދެ ކުޅުންތެރިއަކު ގެނެވިދާނެ. އަދި އިންޑިއާ އިން ވެސް ހޯދިދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސްގެން އަޅުގަނޑުމެން ކުރިއަރާނީ،" ލަތީފް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވިދާޅުވީ މެމްބަރު ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ސްރީ ލަންކާއަށް މިއަދު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށައި މި ދަތުރުގައި ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

"އެކްސްޗޭންޖް ޕްރޮގްރާމް ހިންގައި ދެ ގައުމުން ގުޅިގެން ވޮލީބޯޅާ ކުރިއަރުވައި އަދި ކޯޗުންނާއި އެހެނިހެން ޓެކްނިކަލް ދާއިރާތަކުން މީހުން ތަމްރީންކުރުމަށް މަޝްވަރާކޮށް އެމްއޯޔޫއަކާ ހަމަޔަށް ދާން މަސައްކަތްކުރާނަން،" ލަތީފް ވިދާޅުވި އެވެ.