14 މެއި 2020 - 09:36

މި އަހަރުގެ ކުރީކޮޅު ކަލާޒް ޗެނަލުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރުމުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުނު ދެ ބައިވެރިން ކަމަށްވާ އާސިމް ރިއާޒާއި ހިމާންޝީ ކްރާނާ އަށް ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ ސީޒަން 10 އަށް ހުށަހަޅައިފި އެވެ.
އެކަން ކަށަވަރުކޮށް ދެމުން ހިމާންޝީ މީޑިއާއަކަށް ބުނީ އެކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި މުޅިން އަދި ހުރިހާ ކަމެއް ފައިނަލްނުވާ ކަމަށެވެ. އެކަމަކު އާސިމާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ބުންޏެވެ.
އެ ދެ މީހުން އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް ދާދި ފަހުން އާންމުކޮށްފައިވެ އެވެ.
"ނަޗް ބަލިޔޭ" އަކީ ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ ސެލެބްރިޓީންނާ އެކު ގެނެސްދޭ ޝޯއެކެވެ. މި ޝޯގެ ނުވަ ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ. އަދި އެ ޝޯ ޕްރޮޑިއުސްކުރީ "ބިގް ބޮސް" ވެސް ހޯސްޓްކުރާ ސަލްމާން ޚާނެވެ.
"ނަޗް ބަލިޔޭ 9" ގައި ވާދަކުރި ދެ ބައިވެރިއަކަށް "ބިގް ބޮސް 13" ވެސް ވައިލްޑް ކާޑް އެންޓްރީގެ ދަށުން ފުރުސަތު ދީފައިވެ އެވެ. އެއީ ވިޝާލް އަދިތިޔާ ސިންގް އާއި މަދުރިމާ ތުލީ އެވެ.
"ނަޗް ބަލިޔޭ 10" ގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ސްޓާ ޕްލަސް އިން އަދި މި ޝޯއާ ގުޅޭ އެއްވެސް ކަމެއް ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. އެ ޝޯ އަކީ އާާންމުކޮށް އަހަރުގެ ފަހުކޮޅު ގެނެސްދޭ ޝޯއެކެވެ.
"ބިގް ބޮސް 13" ގެ ދެވަނަ އަށް ދިޔަ އާސިމަށް މިހާރު އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އެގޮތުން ބޮލީވުޑްގެ ބަތަލާ ޖެލްކިން ފެނަންޑޭޒާ އެކު އޭނާ ކުޅުނު ވީޑިއޯ ލަވައެއް ވެސް ދާދި ފަހުން ރިލީޒްކޮށްފައިވެ އެވެ. އަދި ސަލްމާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ރޯލަކަށް ވެސް އާސިމް ސޮއިކޮށްފައިވާ ކަމަށްވެ އެވެ.