12 މެއި 2020 - 21:29

މަބްރޫކް: މިއަދު ޕޮޒިޓިވްވީ ޓްރީޓޮޕަށް ދިޔަ މީހެއް ނޫން. އެއީ ހުޅުލޭ އައިލެންޑް ހޮޓަލުން ޓްރީޓޮޕަށް ބަދަލު ކުރި މީހެއް.

ޑރ. އަފްޒަލް: ޕްރޮޖެކްޝަންތައް މިދެނީ އިނީޝިއަލް ޕްރޮޖެކްޝަންތަކާއި އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް. އާންމުންގެ ހޭލުންތެރިކަން އިތުރުވެގެން މިކަންކަމަށް ބަދަލު އަންނާނެ. އެހެންވެ ޕްރޮޖެކްޝަން ތިރިއަށް ދާނެ. ޓެސްޓިންް އިތުރު ކުރެވިއްޖިއްޔާ ބޮޑަށް ޔަގީންކަން ލިބޭނެ ޓްރޫ ސާޖެއް އައީކަން ނުވަތަ ނޫން ކަން. އެކަމަކު ޓެސްޓިން ނުހެދެންޏާ އެ ސާޖް އައިކަމެއް ނުވަތަ ނައި ކަމެއް ނޭނގޭނެ.

މަބްރޫކް: މާލެ ސަރަހައްދުން ބޭރަށް ދާން ޖެހޭ މީހުން އެބަތިބި. މިކަމުގައި އަމަލުކުރަމުން ގެންދާ ގޮތަކީ މާލޭގައި ތިއްބާ ދައްޗެއް ދިމާވާ ނަމަ އެކަން ޖެންޑާ މިނިސްޓްރީ އަށް އެންގުން. މިކަމުގައި އަމަލު ކުރާ ގޮތަކީ އެއީ.

މަބްރޫކް: ކީމޯ ތެރަޕީ އާއި ޑައިލިލިސް ނުވަތަ ލޭ އަޅަން ޖެހޭ މީހުން ފަރުވާ އަށް މާލެ ގެނައުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. އެއީ ރަށްރަށުން އެ ފަރުވާ ނުލިބޭތީ. މިހެން ދަންނަވާއިރު ވެސް އަޅުގަނޑު ދަންނަވާާލާނަން ރަށްރަށުގައި އެހެން ބަލިތަކަށް ފަރުވާ ދެވެމުން އަންނަނީ. މިކަހަލަ ބޮޑެތި މައްސަލަތަކަކީ ކުއްލިއަކަށް ރަނގަޅު ކުރެވޭނެ ކަމެއް ނޫން.

މަބްރޫކް: މި މަހުގެ ތެރޭގައި ޓެސްޓް ކުރެވޭލެއް ގިނަވާނެ. އަލަށް މި ގެންނަ މެޝިންތަކަަކީ ވަރަށް ބޮޑަށް އޮޓަމޭޓިކް މެޝިންތަކަކަށް ވާތީ ދުވާލަކު 1000 އަށް ވުރެ ގިނަ ޓެސްޓް ހެދެން ވާނެ.
ޑރ. އަފްޒަލް: އެމްއެންޑީއެފްގެ ކޮންޓެކްޓް ޓްރޭސިން ހެދެމުން ދަނީ. ބައެއް މީހުންގެ ކޮންޓެކްޓްތައް ނިމިފައި އޮތީ. މީގައި ހިމެނެނީ އެންމެ ކްލަސްޓާއެއް ނޫން.
ޑރ. އަފްޒަލް: އިތުރު މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައި. އެއީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާ 27 އަހަރުގެ މީހެއް. އެހެންވެ ބަލިން ރަނގަޅުވި ޖުމްލަ އަދަދަކީ 32.
ޑރ. އަފްޒަލް: އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސާވައިލަންސް މިހާރު ފަށާފައި އޮތީ. ހައިރިސްކް ގްރޫޕުގެ ތެރޭގައި މި ބަލި ކިހާ ވަރަކަށްތޯ ހުރީ މި ބަލަނީ.
ޑރ. އަފްޒަލް: ޓްރީޓޮޕަށް ދިޔަ މީހަކު މިއަދު ޕޮޒިޓިވްވެފައިވޭ. އޭނާ ދިޔައީ އެހެން ކަމަކަށް. ދިޔަ ތަނުން ސާމްޕަލް ނެގި އިރު ޕޮޒިޓިވް.
މަބްރޫކް: ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ސަފުގައި މިވަގުތު ތިބީ ނަރުހުން. ދަރިންނާއި އާއިލާ ދޫކޮށްލައިފައި އެތިބީ މިވަގުތު ގައުމު އެދެމުންދާ ކަންތައްތަކުގައި ގުރުބާން ވެގެން. ނަރުހުންގެ ދުވަހާ ގުޅިގެން، އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ދޭތެރޭ ފަޚުރުވެރިވަން.
އެންއޯއައިސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. މިރޭ ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 904 އަށް އަރައިފި އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގްލާދޭޝް ތިން މީހަކާއި އިންޑިއާ ދެ މީހެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިއީ އެންމެ ފަހުން ހާމަކުރި ކޭސްތަކުގެ ފަހުން، މިރޭ 9:00 އަށް ނަތީޖާ ކަށަވަރުވި އަދަދެވެ.
މިރޭ 9:00 އަށް ހާމަކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 304 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ބަންގްލާދޭޝް 495 މީހަކާއި އިންޑިއާގެ 72 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކާއި އެހެން ގައުމުތަކުގެ 28 މީހަކު ވެސް ޕޮޒިޓިވް ވެފައިވެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް ރާއްޖޭން އެންމެ ފުރަތަމަ ފެނުނީ މީގެ 66 ދުވަސް ކުރިންނެވެ. އެއީ ރާއްޖެ އައި ޓޫރިސްޓަކު ޕޮޒިޓިވްވެ އިތުރު ބަޔަކަށް ބަލި ޖެހިގެންނެވެ. އޭގެ 40 ދުވަސް ފަހުން މާލޭން މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނީ މާޗް 15 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން ދަނީ ތޮއްޖެހިގެން އެއްތަނެއްގައި އުޅޭ ބިދޭސީންގެ މެދުގަ އެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލް މީހުން ވެސް ހިމެނެ އެވެ.
ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 31 މީހަކު ރަނގަޅުވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން ދުވަސްވީ ދެ ދިވެއްސަކާއި ބަންގްލާދޭޝްގެ 33 އަހަރުގެ ޒުވާނެކެވެ.