ކޮވިޑް-19: ސައުދީން ނަގާ ޓެކްސް ތިން ގުނަ ބޮޑުކޮށްފި
ކޮވިޑް-19: ސައުދީން ނަގާ ޓެކްސް ތިން ގުނަ ބޮޑުކޮށްފި

ރިޔާޒް (މެއި 12) - ކޮރޯނާވައިރަސް ފެތުރެމުންދާތީ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ލިބެން ފެށުމުން، ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) ސައުދީން ތިން ގުނަ ބޮޑުކޮށްފި އެވެ.

ތެލުގެ އަގު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ދަށަށް ގޮސް ސައުދީ އަށް ލިބޭ އާމްދަނީ ދަށްވެފައި ވަނިކޮށް ވީއޭޓީ ބޮޑުކޮށްފައި ވަނީ 5 ޕަސެންޓުން 15 ޕަސެންޓަށެވެ. ބޮޑު ކުރި ޓެކްސް ނަގަން ފަށާނީ ޖުލައި މަހުން ފެށިގެންނެވެ.

ސައުދީގައި ވީއޭޓީ ތައާރަފްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

ސައުދީގައި ސަރުކާރު މުވައްޒަފުންނަށް ދެމުން އައި ލިވިން އެލަވަންސް އަންނަ މަހުން ފެށިގެން ހުއްޓާލަން ވެސް ވަނީ ނިންމައިފަ އެވެ. ލިވިން އެލަވަންސް ތައާރަފްކުރީ ވީއޭޓީއާ ނަގަން ފެށުމުން ބައެއް މީހުންނަށް ބުރައަކަށްވެދާނެތީ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް މަހަކު 1،000 ރިޔާލް (267 ޑޮލަރު) ދެ އެވެ.

"މިއީ ވޭން ހުރި ފިޔަވަޅުތަކެއް. އެކަމަކު ދިގު މުއްދަތަކަށް އިގްތިސާދު ހިފެހެއްޓުމަށްޓަކައި މިއީ ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް" ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖައްދާން ވިދާޅުި އެވެ.

ތެލުގެ އަގު ވެއްޓުމުން ސައުދީގެ އާމްދަނީ 22 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ބަޖެޓް ދަރަނި ވަނީ ނުވަ ބިލިއަން ޑޮލަރަށް އަރައިފަ އެވެ.