12 މެއި 2020 - 01:33

ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވާ ރޭޓް ރާއްޖޭގައި ލަސް ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ އޯވައޯލްކޮށް ބަލާއިރު ރާއްޖޭގައި މި ބަލިން މީހުން ރަނގަޅުވަމުން އަންނަ ރޭޓް ދަށް ކަމަށެވެ. ނަމަވެސް މިކަމާ ގުޅުން ހުރި އިތުރު ތަފްސީލްތައް ހާމަކުރެވޭނީ ރަނގަޅަށް ދިރާސާތައް ބެލުމަށް ފަހުގައި ކަމަށް ވިދާޅުވެ އިތުރު މައުލޫމާތެއް އޭނާ ނުދެއްވަ އެވެ.
ރާއްޖޭގައި އާންމުންގެ ތެރޭ ކޮވިޑް-19 ފެތުރެން ފެށިކަން އެނގުނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ރާއްޖެ އިން މި ބަލި ފެނުނުތާ 40 ދުވަސް ފަހުންނެވެ. މާޗް 7 ގެ ފަހުން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 31 މީހެކެވެ. މިހާތަނަށް ރާއްޖޭން 862 ކޭސް ފެނިފައިވާއިރު ބަލީގެ ރިކަވަރީ ރޭޓަކީ 3.5 ޕަސެންޓެވެ.
ބައެއް ގައުމުތަކުގައި ރިކަވަރީ ރޭޓް 30 ޕަސެންޓަށް ވުރެ ވެސް މައްޗެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރާއްޖޭގައި ވަނީ ތިން މީހަކު މަރުވެފަ އެވެ.