12 މެއި 2020 - 16:25

ވޮޝިން (މެއި 12) - ކޮރޯނާވައިރަހަށް ތައްޔާރު ކުރާ ވެކްސިންއާ ބެހޭ ރިސާޗް ޗައިނާ އިން ހެކްކުރަމުންދާ ކަމަށް ޔޫއެސް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އަދި ސައިބަސެކިއުރިޓީ ތަޖްރިބާކާރުން ގަބޫލްކުރާ ކަމަށް އެމެރިކާގެ ދެ ނޫހަކުން ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލް އާއި ނިއު ޔޯކް ޓައިމްސް އިން ބުނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ އިރު އެކަމުގެ ރިސާޗް ހެކް ނުކުރަން އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން އަންނަނީ ޗައިނާ އަށް އިންޒާރު ދޭން ތައްޔާރުވްމުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ރިސާޗް ހެކްކުރަން އުޅޭ ހެކަރުން ތިބީ ޗައިނާ ސަރުކާރާ ގުޅިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒާއޯ ލިޖިއަން ވަނީ މި ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސައިބާ ހަމަލާތަކާ ޗައިނާ އިން ދެކޮޅު ހަދާ ކަމަށެވެ.
"ކޮވިޑް-19 ގެ ފަރުވާ އާއި ވެކްސިންގައި މިހާރު ވެސް މުޅި ދުނިޔެ އިން އެންމެ ކުރީގައި އުޅޭނީ ޗައިނާ. އެއްވެސް ހެއްކެއް ނެތި ޗައިނާ އަށް މިފަދަ ތުހުމަތު ކުރުމަކީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓަރާއި އެމެރިކާގެ ސައިބަސެކިއުރީ އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މެޑިކަލް ރިސާޗް އޮގަނައިޒޭޝަންތަކަށް ދޭ ސައިބާ ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.