"ސުލްތާން" އަލްބަމް ރިލީޒްކޮށްފި، އަރިޖީތުގެ ލަވައެއް ނެތް
"ސުލްތާން" އަލްބަމް ރިލީޒްކޮށްފި، އަރިޖީތުގެ ލަވައެއް ނެތް

އިންޑިގައި މިހާރު އަލަށް ވިދަމުންދާ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ވާހަކަ މީޑިއާގައި މިދުވަސްވަރު މާ ގަދަޔަށް ދެކެވެން ފެށީ އޭނާ ފޭސްބުކްގައި ފިލްމީ ތަރި ސަލްމާން ޚާނުގެ ކިބައިން މައާފަށް އެދި ޕޯސްޓްކުރި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި "ސުލްތާން"އަށް އޭނާ ކިޔައިދީފައިވާ ލަވަ އަލްބަމްގައި ނުހިމަނާކަން އެނގި އެގޮތަށް އެކަން ނުކުރަން ސަލްމާނު ކިބައިން އާދޭސް ކޮށްފައިވެ އެވެ. އަދި މީގެ ތިން އަހަރު ކުރިން އެވޯޑް ޝޯއެއްގައި އޭނާއަށް ސަލްމާނާ މުޚާތަބުކޮށް ބުނެވުނު އެއްޗަކަށް ވެސް ތަކުރާރުކޮށް މައާފަށް އެދިފައިވެ އެވެ.

އަރިޖީތުގެ މި ސިޓީގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ އެއްބަޔަކު އަރިޖީތު ދެކެ ރުޅި އައިއިރު އަނެއްބަޔަކު ސަލްމާނަށް ވެސް ފާޑުކި އެވެ. އަދި އަރިޖީތު މައާފަށް އެދުމުން އެހިސާބުން އެ މައްސަލަ ނިންމާލައި އަރިޖީތު ކީ ލަވަ ކަނޑާނުލާ އެ އަލްބަމްގައި ބާއްވާނެ ކަމަށް ވެސް ބައެއް މީހުން އުންމިދު ކުރި އެވެ.

ނަމަވެސް މިހާރު ބެލެވޭ ގޮތުގައި އަރިޖީތު މައާފަށް އެދުނަސް ސަލްމާން ހުރީ މައާފް ކުރާ ގޮތަކަށް ނޫނެވެ. "ސުލްތާން"ގެ އަލްބަމް މިއަދު ރިލީޒްކުރިއިރު އެ ލަވައެއް އަލްބަމަކު ނެތެވެ. އަރިޖީތު ކިޔައިދިން "ޖަގް ގޫމިޔާ" ލަވަ އަލްބަމްގައި ހިމަނާފައި ވިޔަސް އެ ލަވަ ވަނީ އަލުން ރާހަތު ފާތިހު އަލީ ޚާން ލައްވާ ކިޔުއްވާފަ އެވެ. އަލްބަމްގައި ހިމަނާފައިވަނީ ރާހަތު ކިޔާފައިވާ ލަވަ އެވެ.

ވިޝާލް-ޝޭކަރް މިއުޒިކް ތައްޔާޜުކޮށްދީފައިވާ މި އަލްބަމްގައި ސަލްމާންގެ ފިލްމުތަކުގައި އާންމުކޮށް ހުންނަ މަޖާ ޒާތުގެ ލަވަތައް ހިމެނޭތީ ގިނަ ބަޔަކަށް މި އަލްބަމްގެ ލަވަތައް ކަމުދާނެ ކަމަށް ބެލެވެ އެވެ.
ސަލްމާނާއި އަނުޝްކާ ޝަރުމާ ލީޑް ރޯލުން ފެނިގެންދާ "ސުލްތާން" ރިލީޒްކުރާނީ އަންނަ ކުޑަ އީދު ދުވަހު އެވެ.