11 މެއި 2020 - 23:48

ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ނަރުހެއް ކަމަށްވާ ސޯނިއާ ޖެކޮބް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އެތައް ސަތޭކަ ބަޔަކާ އެކު ގައުމަށް ދާން މަނަވަރެއްގައި ދަތުރަށް އެރި އިރު އިނީ ވިހަން ތައްޔާރުވެފަ އެވެ. ކޮވިޑް-19 އާ ހެދި ރާއްޖޭގައި ތާށިވެފައި ތިިއްބާ އިންޑިއާ ސަރުކާރުން ފަހިކޮށްދިން ފުރުސަތުގައި ގައުމަށް ދެވޭތީ ލިބުނު އުފާ އެތައް ގުނައަކަށް އޭނާ އަށް އިތުރުވީ ގައުމަށް ދިއުމާ އެކު އޭނާ އަށް ފިރިހެން ދަރިއެއް ލިބުމުންނެވެ. އެކަން އިތުރަށް ހާއްސަވީ ހަ ފަހަރު ބައިގެން ދިއުމަށް ފަހު ލިބުނު ކުއްޖަކަށް ވުމުންނެވެ.

އިންޑިއާގެ 698 މީހުންނާ އެކު ހުކުރު ދުވަހު ރާއްޖޭން ފުރި އައިއެންއެސް ޖަލަޝްވާ މަނަވަރު އާދީއްތަ ދުވަހު 9:30 ހާއިރު އިންޑިއާގެ ކެރަލާގެ ކޮޗީގައި ބަނދަރުކުރުމާ އެކު ދަތުރުވެރިން ކަރަންޓީނަށް ގެންދިއުމުގެ ކުރިން އިމިގްރޭޝަން ޕްރޮސެސް ފުރިހަމަކުރަން ފެށި އެވެ. އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯނިއާގެ ބަނޑުގައި ރިއްސައި އުނދަގޫވާން ފެށީ އިމިގްރޭޝަނުން ނިމުނުތަނާ އެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައި އެ ދުވަހުގެ ހަވީރު 5:40 ގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ވަނީ ނަގައިފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި ދެ މައިންގެ ހާލު ވެސް ރަނގަޅެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުން ސޯނިއާގެ ފިރިމީހާ ޝައިނީ އަކީ ވެސް ކެރަލާގައި ނަރުހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ހަ އަހަރު ފަހުން، ހިތްދަތި އެތައް ތަޖުރިބާއަކަށް ފަހު އަލަތު ދަރިފުޅާ އެކު މިހާރު ތިބީ އަމިއްލަ ގައުމުގައި އުފަލުންނެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާގެ މަނަވަރުގައި ގެންދިޔަ މީހުންގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ މާބަނޑު 18 ނަރުހަކު ހިމެނެ އެވެ. އިންޑިއާ އަށް މީހުން ގެންދިއުމުގައި، މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އިސްކަން ދީފައިވެ އެވެ.
އިއްޔެ ވެސް އިންޑިއާގެ މަނަވަރެއްގައި ވަނީ 202 މީހަކު ރާއްޖޭން ފުރައިފަ އެވެ. މިއީ އިންޑިއާ އިން އެ ގައުމުގެ ރައްޔިތުން އެކި ގައުމުތަކުން ބޭރުކޮށް ރައްކާތެރިކަން ކަށަަވަރުކޮށްދޭން ހިންގާ ބޮޑު އޮޕަރޭޝަނެއްގައި ގެންދާ މީހުންނަށެވެ.
އެކި ގައުމުތަކުގައި ތިބި އިންޑިއާ މީހުން ގައުމަށް ގެންދަން ހިންގާ އޮޕަރޭޝަންގައި 200،000 މީހަކު ގައުމަށް ގެންދާނެ ކަމަށް ލަފާކުރެވެ އެވެ. ގަލްގުގެ ގައުމުތަކާއި އެމެރިކާ އާއި ޔޫރަޕްގެ އެކި ގައުމުތަކުން ވެސް އިންޑިއާ މީހުން ގައުމަށް ގެންދަން އަންނަނީ ވައިގެ މަގުން ވެސް ދަތުރުތައް ހަމަޖައްސަމުންނެވެ. މިއީ އިންޑިއާ އިން މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.