11 މެއި 2020 - 21:13

ކަސްޓަމަރުންނަށް ރައްކާތެރިކަމާ އެކު ގޭގައި ތިބެގެން ވިޔަފާރިކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން "އުރީދޫ މޫލީ" މެދުވެރިކޮށް ތަކެތި ގަނެވޭނެ ގޮތް ފަހިކޮށްދީފި އެވެ.
އުރީދޫން ބުނީ، ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމުގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އޮންލައިންކޮށް ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށާއި އުފެއްދުންތައް ޑެލިވަރީ ކުރުމަށް މޫލީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެގޮތުން މިހާރު މޫލީ މެދުވެރިކޮށް ވިއްކާ ތަކެތި ހިލޭ ހުޅުމާލެ އާއި މާލެ އަށް ޑެލިވަރީކޮށްދެވޭނެ އެެވެ.
މި ޕްލެޓްފޯމްގެ ހާއްސަ ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބުމެވެ. މީގެ އިތުރުން ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
މި ހާލަތުގައި ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީ އިން ވަނީ ޕްލެޓްފޯމް ފީ ނެގުން ހުއްޓާލައިފަ އެވެ.
- ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ކޭސް
- ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް މެދުވެރިކޮށް އެންޒީ މަސް
- ތާޒާ ފެންފުޅި
- ކޮންފޫޑްގެ އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް
މޫލީން ތަކެތި ވިއްކަމުން އަންނަ ބްރޭންޑްލޫމް ބައި އެންމަކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިޔާޒް ވިދާޅުވީ، މޫލީގައި ބައިވެރިވުމުން ގިނަ ބަޔަކަށް އުފެއްދުންތަކެއް ފެނި ކަސްޓަމާ ބޭސް އިތުރު ކުރެވިފައިވާ ކަމަށެވެ.
"ވިޔަފާރިވެރިންނަށް މޫލީން ފޯރުކޮށްދެނީ ވަރަށް ރަނގަޅު ފުރުސަތެއް. އުރީދޫ އިން ފޯރުކޮށްދީފައި މިވާ ނުހަނު ބޭނުންތެރި މުހިންމު ޕްލެޓްފޯމްގެ އަގުވަޒަންކޮށް މި އަގުހުރި މަސައްކަތް ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި އޮގަސްޓް 2019 ގައި ތައާރަފްކުރި މޫލީ މެދުވެރިކޮށް، މިހާރު ވެސް 10،000 އަށް ވުރެ ގިނަ ޑެލިވަރީ ކޮށްދީފައިވެ އެވެ.