11 މެއި 2020 - 21:33

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒުވުމާ ގުޅިގެން، އަލީ ވަހީދު ވިދާޅުވީ، އިިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގުޅުއްވައި، ސަރުކާރުން ކަންތައް ކުރާގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވީ އަބްދުއްރަހީމް ކަމަށެވެ. އޭނާ ގުޅުއްވީ، އާއިލާގެ ބޭފުޅުން ރާއްޖެ އިން ބޭރުން ވަޑައިގަތުމާ އެކު އެންމެ ރަނގަޅު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމުން އެކަމަށް ޝުކުރު އަދާކުރެއްވުމަށެވެ.
"އަބްދުލް ރަހީމް އާއިލާ ވަޑައިގަތީމަ ވެސް އަޅުގަނޑުމެން ބެހެއްޓީ އެންމެ ރަނގަޅު (ކަރަންޓީން) ފެސިލިޓީގައި. އަދި އެކަމަށް އަބްދުއްރަހީމް ގުޅުއްވައި ޝުކުރު އަދާކުރެއްވި އަދި ވިދާޅުވި ތިމަންނަމެން ގަބޫލުކުރާގޮތުގައި ގުޅާލާއިރަށް ފޯނު ވެސް ނަގައޭ ތިމަންނަމެން ވަރަށް ހިތްހަމަޖެހެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކާ މެދު، އިދިކޮޅު ފަރާތްތަކުން ތިބީ ހިތްހަމަޖެހިފައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް އޭރު ވިދާޅެއް ނުވެ އެވެ. އ
އިމްރާންގެ އެ ވާހަކަތައް ދޮގުކޮށް ޕީއެންސީ ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ފަރުވާއެއް ހޯދިފައިނުވާ ބަލިން ރައްކާތެރިވާން އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ތަކުރާރުކޮށް ހާމަކުރުމުގެ އިތުރުން ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް ޕީއެންސީ ކޯލިޝަނުން އެ ވާހަކަތައް ދަންނަވާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އިޖާބަ ދެއްވާފައިނުވާ ކަމަށް، ބަޔާނުގައި ބުންޏެވެ.
"ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރު އިހުމާލު އެކަމުގައި އޮތް މިންވަރުގެ ބޮޑުކަމުން ކަން ވެސް ދިވެހި ރައްޔިތުން ގަބޫލުކުރެ އެވެ،" ބަޔާނުގައި ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވެސް ވަނީ ސަރުކާރުން ކަންތައް ކުރާ ގޮތާ މެދު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު އަދުރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވީ، އެކަމާ ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒުވުމުންނެވެ. ނަމަވެސް އަލީ ވަހީދު ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތުގެ އަޖަލުގައި ސިޔާސީ ބައެއް ބޭފުޅުން ވަރަށް ގިނަ ސިޔާސީ ވާހަކަތައް ދައްކާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސަރުކާރުގައި ތިއްބެވި ބޭފުޅުން އަނެއްކާ ވެސް ސިޔާސީ ވާހަކަދައްކާނީ ކެމްޕެއިން ދުވަސްވަރު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީގައި ތިއްބަވާ ބޭފުޅުން ސިޔާސީ ވާހަކަ ދައްކާނެ ކަމަށެވެ. އެކަމަކު ސަރުކާރުގައި ތިބި ބައެއްގެ ހައިސިއްޔަތުން އެ ބޭފުޅުން ތިއްބެވީ އެފަދަ ވާހަކަ ދައްކާ ހާލަތެއްގައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ގޮތުން އިދިކޮޅަށް ތިއްބަވާ ބޭފުޅުން ވެސް ސިޔާސީ ވާހަކަ ދައްކާނެ. ހަމަގައިމު ވެސް ސަރުކާރުގައި ތިބި ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މި ތިބީ ސިޔާސީ ވާހަކަ ދައްކާ ކަހަލަ ހާލަތެއްގައެއް ނޫން އަދި އެފަދަ ވަގުތެއްގައެއް ވެސް ނޫން. އަޅުގަނޑުމެން ސިޔާސީ ވާހަކަ ދައްކާނީ އަނެއްކާ ވެސް ކެމްޕެއިން ދުވަސްވަރު،" އަލީ ވަހީދު ވިދާޅުވި އެވެ.
އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 850 އިން މައްޗަށް އަރާފައިވާއިރު އެ ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެ ބަލި ކޮންޓްރޯލްކުރަން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.