ރައީސް ޔާމީނާ ޕީޕީއެމްގެ ހިންގުން ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި
ރައީސް ޔާމީނާ ޕީޕީއެމްގެ ހިންގުން ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ހަވާލުވެ ވަޑައިގަތުމަށް ސިވިލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު މުހަންމަދު ހަލީމް ނެރުއްވި ހުކުމްގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށާއި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މުޝްތަޝާރުގެ މައްޗަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ. މުޝްތަޝާރަކީ ޕާޓީގެ ރައީސް (މައުމޫން އަބްދުލްގައްޔޫމް) އަށް ފަހު އެންމެ ގަދަރުވެރި މަގާމެވެ.

ޕާޓީ ހިންގުން ހުއްޓުވާލާފައިވާ ކަމަށް ބުނެ، ޕާޓީގެ ކައުންސިލްގެ ދެ މެމްބަރަކު ބުރާސްފަތި ދުވަހު ހުށަހެޅުއްވި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ރައީސް އުޒުރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި މި ހަލާތަކީ ޕީޕީއެމްގެ ރައީސަކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ނެތް ހާލަތާ އެއްފަދަ ހާލަތެއް ކަމަށް ވުމުން އެ ކަންމަކަކީ ޕީޕީއެމްގެ މެމްބަރުންނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކާ އެއްގޮތް ކަމަކަށް ނުވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ސިވިލް ކޯޓުން މީގެ ކުރިން ކޮށްފައިވާ އަމުރަށް ޕީޕީއެމްގެ ރައީސް އިޖާބަ ދެއްވާފައި ނުވާ ކަމަށާއި ޕީޕީއެމް ހިންގުމަށާއި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ސިޔާސީ ވެށީގައި ހަރަކާތްތެރިވުމަށް ހުރަސް އަޅާފައިވާތީ އެ ކަންކަމަކީ ވެސް ޕީޕީއެމްގެ މެމްބަރުންގެ މަސްލަހަތާއި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތަކާ އެއްގޮތްވާ ކަންކަމަށް ނުވާ ކަމަށެވެ.

ޕީޕީއެމްގެ ކަންކަން އެ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަށަވަރުކޮށް، ސިޔާސީ ވެށީގައި ގާނޫނުތަކުގެ ހުދޫދުން ބޭރު ނުވެ ހަރުދަނާކަންމަތީގައި ހިނގަމުންދާ ސިޔާސީ ޕާޓީތަކަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.