ލޮކްޑައުންގައި ޒުވާން ފިރިހެނުން އަސްލު ވެސް ބަހެއްނާހާ!
ލޮކްޑައުންގައި ޒުވާން ފިރިހެނުން އަސްލު ވެސް ބަހެއްނާހާ!

ކޮރޯނާވައިރަސްއާ ހެދި މުޅި ދުނިޔެ ލޮކްޑައުން ވެގެން އުޅޭ އިރު ވެސް މި ފެންނަނީ ޒުވާން ފިރިހެނުން ބަސްނާހާ މިންވަރު މަތިކަމެވެ. ޔަގީނުން ވެސް އިނގިރޭސި ވިލާތުގެ ސާވޭއަކުން ނުކުތީ އެ ނަތީޖާ އެވެ.

ނަފުސާނީ އިލްމުވެރިން ބުނާ ގޮތުގައި ލޮކްޑައުންގެ އުސޫލުތަކާ ހިފާލުވުން އެންމެ ކައިރީ ޒުވާން ފިރިހެނުންނެވެ.

ޔުނިވަސިޓީ އޮފް ޝެފީލްޑް އާއި އަލްސްޓާ ޔުނިވަސިޓީގެ ޓީމަކުން ވަނީ އުމުރުން 13-24 އަހަރުގެ 2،000 ޒުވާނުންނާ ސުވާލުކޮށްފަ އެވެ.

އެ ސާވޭއިން ދައްކަނީ އުމުރުން 19-24 އަހަރުގެ ޒުވާން ފިރިހެނުންގެ ދެބައި ކުޅަ އެއްބައި މީހުން ވަނީ، އެމީހުންނާ އެކު ދިރިނޫޅޭ ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާ ބައްދަލުކޮށްފައި ކަމެވެ. އަންހެނުންގެ އެ ނިސްބަތް އުޅެނީ އެންމެ 24 ޕަސެންޓްގަ އެވެ.

ތަޖުރިބާކާރުން މިހާރު ސަރުކާރަށް ގޮވާލާފައިވަނީ މި އުމުރުގެ ޒުވާނުންނާ ހަމައަށް ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދިނުމަށެވެ.

ސުވާލުކުރި ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި މީހުން ބުނެފައިވާ ގޮތުގައި މި ލޮކްޑައުންގެ ހާސްކަން ވަރަށް ބޮޑެވެ. ހާއްސަކޮށް ބެލެނިވެރިންގެ ތެރެއިން އެކަކަށް ލިބޭ އާމްދަނީއަށް އާއިލާގެ ހަރުދުތައް ބިނާވެފައިވާ ގޭގޭގެ ޒުވާނުންގެ މެދުގައި ކަންބޮޑުވުން އުޅެނީ މާ މަތީގަ އެވެ.

ސާވޭއިން އެނގުނު ގޮތުގައި ޑިޕްރެޝަން ހުންނަ ޒުވާނުން ވެސް ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވެ، ބޭނުން ނެތް ގޮތެއްގައި ގެއިން ނުކުތުމާއި ރައްޓެހިންނާ ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އެންޒައިޓީ ހުންނަ މީހުން، ގައިދުރުކުރުމާއި އަވަސްއަވަހަށް އަތް ދޮވުމުގެ އާދައާ ކައިރި ކަމަށް ވެސް، އެ ސާވޭއިން ދައްކަ އެވެ.

ސާވޭގައި ސުވާލުކުރި އުމުރުން 19-24 އަހަރުގެ 281 ޒުވާނުންގެ ތެރެއިން 150 މީހުން ވަނީ ލޮކްޑައުންގައި ރަހުމަތްތެރިންނާ ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ބައެއް ޒުވާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އަނެއް ބަޔަކު ހައްޔަރުކޮށް، އަދި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

ސާވޭއިން އެނގޭ ގޮތުގައި އެ ޒުވާނުން ގަބޫލުކުރަނީ އެމީހުންނަށް ކޮވިޑް-19 ނުޖެހޭނެ ކަމެވެ. އަދި އެމީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރިދާނެ ކަމަށް ވެސް ގަބޫލެއްނުކުރެ އެވެ. އެހެންކަމުން އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އެ މީހުންނަށް މުހިންމު ނޫން ކަމަށް ދެކެ އެވެ.

ބައެއް ސައިންސްވެރިން ކުރިންސުރެ ވެސް ބުނަމުން އަންނަނީ ފިރިހެނުންނަކީ އަބަދުވެސް ރިސްކް ނަގާ ބައެއް ކަމަށެވެ. އޭގެ އެއް ސަބަބަކީ ހިތްވަރުގަދަ ބައެއްކަން ދައްކަން އެމީހުންގެ ހިތުގައި، މާ ކުރިންސުރެ ވެސް އޮންނަ ނިޔަތެވެ.