ކޯޓުތަކުން ޕާޓީތަކުގެ އެތެރޭގެ ހިންގުމަށް ވަންނަން ޖާގަ ދީގެން ނުވާނެ: ނަޝީދު
ކޯޓުތަކުން ޕާޓީތަކުގެ އެތެރޭގެ ހިންގުމަށް ވަންނަން ޖާގަ ދީގެން ނުވާނެ: ނަޝީދު

ކޯޓުތަކުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމަށް ވަންނަން ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުރުކުރަން އެ ޕާޓީގެ ދެ މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، ކޯޓުން އެ މައްސަލައިގެ ހުކުމް ކުރުމުގެ އިރުކޮޅެއް ކުރިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ އެ ޕާޓީގެ މުޝްތަޝާރާ ޕާޓީގެ ހިންގުން ހަވާލު ކުރުމަށް ހުކުމްކޮށްފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން މަސައްކަތް ކުރަނީ ޕާޓީތަކުގެ ރައްކާތެރި ކަމަށެވެ.

މައުމޫނާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީ ހިންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެކަމަކު އެއާ ހިލާފަށް، މައުމޫން ވަނީ ޕާޓީގެ ގުނަވަންތައް ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅުއްވައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުވާލައްވާފައި ކަމަށް ވެސް ބުނެފައި ވެ އެވެ.