މުދާ އުފުލަން ހާއްސަ ފެރީތައް ބާއްވަނީ
މުދާ އުފުލަން ހާއްސަ ފެރީތައް ބާއްވަނީ

އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އަތޮޅު ކައުންސިލްތަކާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަތުރުފަތުރުކުރުން ވަނީ މަދުކޮށްފަ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މުދާ އުފުލުމަށް ހާއްސަ ފެރީތައް ބާއްވަން ނިންމީ މި ހާލަތުގައި ވެސް އެއް ރަށުން އަނެއް ރަށަށް ގެންދަން ބޭނުންވާ ތަކެތި ގެންގޮސްދިނުމުގައި އެހީވުމަށް ކަމަށެވެ. ފެރީތައް ބާއްވާނީ އެ އަތޮޅެއްގެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ބޭނުންވާ ނަމަ ކޮންމެ ހަފްތާ އަކު ވެސް މިގޮތަށް ދަތުރުތައް ބާއްވާނެ އެވެ. މުދާ އުފުލާ ފެރީތަކުގެ ދަތުރުތައް ބައެއް އަތޮޅުތަކުގައި މިއަދު ވަނީ ފަށައިފަ އެވެ.

"އަޅުގަނޑުމެންގެ ފެރީތައް އައްޑު އާއި ފުވައްމުލަކު ނޫން ހުރިހާ އަތޮޅެއްގައި އޮންނާނެ. މިއީ ކުރިން ޕެސެންޖަރުން އުފުލުމަށް ބޭނުން ކުރި ފެރީތައް،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިން ޝެޑިއުލް ދަތުރުތައް ކުރަމުން އައި ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމާ އެކު މި ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

މުދާ އުފުލާ ފެރީތަކާ ގުޅޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ، އެއް ރަށުން އަނެއް ރަށަށް މުދާ ގެނައުމާއި ގެންދިޔުމަށްޓަކައި ފެރީއަށް މުދާ އަަރުވާ ބޭލުމުގެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ރަށު ކައުންސިލަކާއި އެ ރަށެއްގެ ޓާސްކް ފޯހާއި މަޝްވަރާކުރުމަށް ފަހު އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

މި ދަތުރުތަކަކީ އެލްޖީއޭ އާއި އަތޮޅު ކައުންސިލްތަކާއި އެމްޓީސީސީން ގުޅިގެން ބާއްވާ ދަތުރުތަކަށްވާ އިރު އެއްވެސް ރަށަކުން ފެރީ ކައިރި ކުރުމަށާއި ފުރުމުގެ ހުއްދަ ނުދީ ނުހިފެހެއްޓޭނެ އެވެ. މީގެ އިތުރުން މި ދަތުރުތަކަށް "ވުނަ ޕޯޓަލް" މެދުވެރިކޮށް ހުއްދަ ހޯދާކަށް ވެސް ނުޖެހޭނެ އެވެ. އަދި މިގޮތަށް ކުރާ ދަތުރުތަކުގައި އެއްވެސް ޕެސެންޖަރަކު ގެންދިއުމާއި ގެނައުމަކީ ވެސް މަނާ ކަމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ.