ސްޕެއިނުގެ ފަސް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް
ސްޕެއިނުގެ ފަސް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް

މެޑްރިޑް (މެއި 11) - މެދުކަނޑާލާފައިވާ ސްޕެއިނުގެ ފުޓްބޯޅަ ލީގުތައް އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ތެރޭގައި މިހާތަނަށް، ޕޮޒިޓިވް ފަސް ކުޅުންތެރިން ފެނިފައިވާ ކަމަށް ސްޕެއިނުގެ ލީގުތަށް ހިންގާ އެލްއެފްޕީން ބުނެފި އެވެ.

މާޗް މަހު ސްޕެއިނުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލީ އެ ވަގުތު ކޮވިޑް-19 ސްޕެއިނުގައި ވަރަށް ބޮޑަށް ފެތުރިފައި އޮތުމުންނެވެ. ސްޕެއިނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ލިބެމުންދާތީ އެ ގައުމުގެ ސަރުކާރުން އަންނަނީ ދިރިއުޅުމުގެ އާންމު ހާލަތަށް ދިއުމުގެ ގޮތުން ކުރިން މަނާކުރެވިފައިވާ ބައެއް ކަންތައްތަކަށް ލުއިތަކެއް ދެމުންނެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ލިބޭ ކުރިއެރުންތައް ދިރާސާކުރުމަށް ފަހު އަލުން ފުޓްބޯޅަ ފެށުމުގެ ހިޔާލަށް ވެސް ސަރުކާރުގެ ތާއީދު ވަނީ ލިބިފަ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ސްޕެއިނުގެ ދެ ޑިވިޝަނުގެ ކްލަބްތަކުގެ ކުޅުންތެރިން އިންޑިވިޖުއަލް ޕްރެކްޓިސްތަށް ފެށުމުގެ ހުއްދަވަނީ ދީފަ އެވެ. އޭގެ ކުރިން ކުޅުންތެރިންނާއި ސްޓާފުން ކޮވިޑް-19 އަށް ޓެސްޓް ކުރި އެވެ. އޭގެ ތެރެއިން ފަސް ކުޅުންތެރިންނާއި ތިން ސްޓާފުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ ކުޅުންތެރިންތަކެއް ވަނީ މިހާރު ރަނގަޅުވެފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން މި ބައްޔަށް ޕޮޒިޓިވްވީ ވެލެންސިއާ އިންނެވެ.

"ފެނުނު ކުޅުންތެރިންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނެތް. އެކަމަކު ޓެސްޓުން ޕޮޒިޓިވްކަމަށް ދެއްކުމާ އެކީ އެ ކުޅުންތެރިން ކަރަންޓީނުކޮށްފިން. މިއީ މި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް ބަލާއިރު ކުރިއެރުމެއްގެ ގޮތުގައި ދެކެން،" ލަލީގާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުޓްބޯޅަ ސީޒަން ކެންސަލްނުކޮށް އަލުން ލީގު ފަށަން ޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ފާހަގަކުރެއްވީ ކްލަބްތަކަށް ލިބޭނެ މާލީ ގެއްލުންތަކުން ސަލާމަތްކުރުމުގެ ގޮތުންނެވެ. އެ ގޮތުން ލަލީގާ ފުރިހަމަނުކުރެވިއްޖެނަމަ ކްލަބްތަކަށް ލިބޭނެ ކަމަށް މި ވަގުތު އަންދާޒާކުރާ ގެއްލުމުގެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. މެޗުތައް ފަށަން ކްލަބްތަކުގެ މެޖޯރިޓީ ވޯޓު ވެސް ވަނީ ލިބިފަ އެވެ.

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ މި ވަގުތަށް ޕްލޭން ކުރަމުން އަންނައިރު ލީގު ފަށަން އެންމެ ބޭނުންވާ ތާރީހަކީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

"އަހަރެމެން އެންމެ ބޭނުމީ އަންނަ މަހު 12 ވަނަ ދުވަހު އަލުން ފަށަން. އެކަމަކު އެއީ ވެސް ޔަގީން ތާރީހެއް ނޫން. ދެން މީގެ އެހެން ޕްލޭންތަކެއް އެހެން ތާރީހުތަކެއް ވެސް އެބަހުރި. މީގައި އެންމެ ފަހުގެ ނިންމުމެއް ބަރޯސާވަނީ ސިއްހީ މާހިރުން ދޭ ލަފާގެ މައްޗަށް،" ޓެބާސް ވިދާޅުވި އެވެ.

ސްޕެއިނުގެ ބައެއް ކްލަބްތަކުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ލީގު ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހު 20 ވަނަ ދުވަހު ކަމަށާއި އެ ގޮތަށް އެލްއެފްޕީން ކޯޗުންނަށް އަންގާފައިވާ ކަމަށެވެ.

މި ހަފްތާގައި ޖަރުމަނު ލީގު އަލުން ފަށަން ސަރުކާރުގެ ރުހުން ލިބިފައިވާއިރު، ކްލަބްތަކުގެ ކުޅުންތެރިންގެ ކޮވިޑް-19 އަށް ޓެސްޓްކުރިއިރު، 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ދާދިފަހުން ޖަރުމަނުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑައިނަމޯ ޑްރެސްޑަންގެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އެ ޓީމު އެއްކޮށް ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. އެހެން ނަމަވެސް ލީގު އަންނަ ހޮނިހިރު ދުވަހު ލީގު ފެށުމުގެ ޕްލޭނަށް ބަދަލެއް ނާންނަ ކަމަށް ޖަރުމަނު ލީގު ހިންގާ ޑީއެފްއެލް އިން ވަނީ ބުނެފަ އެވެ.