11 މެއި 2020 - 19:26

ސޯލް (މެއި 11) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ސައުތު ކޮރެއާ އިން ހޯދާފައިވާ ކާމިޔާބަށް އެތައް ބަޔަކު ތައުރީފް ކުރަނިކޮށް އެ ގައުމުގައި ދެ ވަނަ ރާޅެެއްގެ ބިރު ބޮޑުވެދާނެކަމުގެ އިންޒާރު ދީފި އެވެ.

ވެރިރަށް ސޯލުން އާދިއްތަ ދުވަހު އާ ކްލަސްޓާއެއް ފެނުމާ ގުޅިގެން ބާތަކާއި ކްލަބުތައް ބަންދު ކުރަން ވެރިރަށުގެ މޭޔަރު ވަނީ އަންގަވައިފަ އެވެ. ސައުތު ކޮރެއާ އިން އާދިއްތަ ދުވަހު ވަނީ 34 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފަ އެވެ. މިއީ ވޭތުވެދިޔަ މަހެއްހާ ދުވަހު އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
ކޮންޓެކްޓް ޓްރޭސިން އެޕްތަކާއި ސީސީޓީވީގެ އެހީގައި ބަލި މީހުން ދެނެގަނެ، ސައުތު ކޮރެއާ އިން އެޅި ފިޔަވަޅުތަކާ އެކު ބަލި ގާތްގަނޑަކަށް ކޮންޓްރޯލް ކުރުމަށް ފަހު އެ ގައުމުން ވަނީ މިދިޔަ ހަފުތާ އިން ފެށިގެން ލޮކްޑައުން އަށް ލުއިތައް ދޭން ފަށައިފަ އެވެ.
ސައުތު ކޮރެއާ އިން ފެނުނު އާ ކްލަސްޓާ ގުޅިފައި ވަނީ 29 އަހަރުގެ ފިރިހެނަކާ އެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ވެރިރަށުގެ ކްލަބަކަށް ގޮހެވެ. އެ މީހާ އެކު އެ ސަރަހައްދުގައި އުޅުނު 1،510 މީހުން ދެނެގަނެ މިހާރު ވަނީ ޓެސްޓް ކުރަން ފަށައިފަ އެވެ. ކްލަބަށް ދިޔަ މީހާ ގިނަ މީހުން ދެކެނީ، ސުޕަ ސްޕްރެޑާއެއްގެ ގޮތުގައި ބެލެވުނު "ކޭސް 31" ގެ ގޮތުގަ އެވެ. ފައްޅިއަކަށް ގޮސްގެން ގިނަ މީހުންނަށް ސައުތު ކޮރެއާގައި ބަލި ޖެހުނީ "ކޭސް 31" ގެ ސަބަބުންނެވެ.
ރައީސް މޫން ޖައި-އިން އިއްޔެ ވިދާޅުވީ އާ ކްލަސްޓާ އެކު ސައުތު ކޮރެއާގައި ކޮންމެ ވަގުތަކު ވެސް ބަލި ފެތުރިދާނެކަމުގެ ބިރު ބޮޑު ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު ވެސް ދެ ވަނަ ރާޅެއް އަތުވެދާނެ ކަމަށް ރައީސް ވަނީ އިންޒާރު ދެއްވައިފަ އެވެ. ވައިރަސްއާ މެދު ދޭ ސަމާލު ކަން ކުޑަ ނުކުރަން އޭނާ އިލްތިމާސް ކުރެއްވި އެވެ.
"މިކަން މުޅިން ނިމިގެން ނޫނީ މިއީ ނިމޭނެ ކަމެއް ނޫން،" ރައީސް މޫން ވިދާޅުވި އެވެ.