12 މެއި 2020 - 09:30

(މޭ 9، 2020، ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)
ފުރަތަމަ ހިނގައިގަތީ ފާތިރެވެ. އޭނާ ހުރީ އަދިވެސް ހައްވަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ އަތުން ދޫކޮށްލާނެ ވަގުތެއް ނުލިބެ އެވެ. އެފަދަ ކަމަކަށް ހިޔާލުކޮށްލެވޭ ކަހަލަ ޖާގައެއް ވެސް ނުލިބެ އެވެ.
މުޅި ދަތުރު ބަދަލުވެގެން މި ދިއައީ މުޅިން އެހެން މިސްރާބަކަށެވެ. އޭނާގެ ހަޔާތުގެ ސަމުގާގެ ކަށި ވެސް އެ އެނބުރުނީ އެހެން ދިމާއަކަށެވެ.
އެ ކުޑަކުޑަ ކޮޓަރިއަށް ވަނެވެ. އެނދުގެ ކޮޅުގައި، އެއް ފަރާތުގައި، މީގެ 200 އަހަރު ކުރިންސުރެ ފެން ފުރަމުން އަންނަ ރުނބާ ހުއްޓެވެ. އެންމެ ފުރަތަމަ ފާތިރު އެގެއަށް ކުރި ޒިޔާރަތުގައި އެ ރުނބައިން ފެން ބޯން ވަން އިރު، ކޮޓަރީގައި ފުޅި ބައްތިއެއް ވަރު ވެސް ނެތެވެ. އެކަމަކު މިރޭ، ފުޅި ބައްތި ހަރުކޮށް، އެނދު ވެސް އަޅައި، ކޮޓަރި ހުރީ ރީތިކޮށްފަ އެވެ.
ފިއްލަދުއަށް ހައްވަ އައުމާ އެކު އޭނާގެ މުސްތަގުބަލަށް ބޭނުންވާ ހުރިހާ ކަމެއް ދަލޭކަދައިތަ އެ ހުރީ ތައްޔާރުކޮށްދީފަ އެވެ. އަދި ހައްވަ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް، އެންމެ ފަހުން، އެ ހަވާލުކުރީ، އާއެނކެވެ: ފާތިރާ އެވެ.
ހައްވަގެ އަތުގައި ހިފަހައްޓައިގެން އެނދު ކައިރިއަށް ގޮސް، އަތުން ދޫކޮށްލި އެވެ. ދެން ފާތިރު އިށީނެވެ. ހައްވަ ވެސް، އޭނާއާ ހަމަ ޖެހިގެން އިށީނީ އެވެ. ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގުމުގެ ތެރޭގައި އިނދެގެން، އެނބުރިފައި ފާތިރަށް ކަޅި ހުއްޓާލެވުނީ ހައްވަގެ މޫނަށެވެ. އޭނާ އިނީ އެއްވެސް ހަރަކާތެއް ނެތި، އިސްޖަހައިގެންނެވެ.
އެ އިނީ ކޮން ހިޔާލެއްގައި ހެއްޔެވެ؟ މިއީ އޭނާ ބޭނުންވި ގޮތެއް ހެއްޔެވެ؟ ނުވަތަ މަޖުބޫރު ކައިވެންޏެއް ހެއްޔެވެ؟ މި ސުވާލުތައް އަހަންވީ ހެއްޔެވެ؟ ފާތިރުގެ ހިތަށްއެރި އެވެ.
"ވަރަށް ދެރަވެފަތަ ތި އިނީ؟" އެންމެ ފަހުން ފާތިރު ވަރަށް މަޑުމަޑުން ސުވާލުކުރި އެވެ.
"ނޫން...." ހައްވަ ބުނެލީ ހަމައެކަނި އެހެންނެވެ.
"ކިހިނެއް މިކަންތައް މިވީ؟" ފާތިރު އެހި އެވެ.
"ބައްޕަ އާއި ދައްތައަށް އެނގޭނީ،" ހައްވަ ބުނެލި އެވެ.
"އެމީހުން ބުނާ ކޮންމެ ކަމެއް ކުރަން ހައްވައަށް މަޖުބޫރުތަ؟" ފާތިރަށް އަހާލެވުނެވެ.
"ދައްތަ ހަމަ ބުނާއިރަށް ތިކޮޅުން ވެސް އެއްބަސްވާން ޖެހޭތަ؟" ހައްވަގެ އެ ރައްދުން ފާތިރު ލަދުގަތެވެ.
ތެދެކެވެ. ދަލޭކަދައިތައާ ދެކޮޅަށް އެންމެ އެއްޗެއް ވެސް އޭނާ ނުބުނެ އެވެ. އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް މީހަކު، ދަލޭކަދައިތަ ދެކެ އެހާ ޖެހިލުންވަންޏާ، އޭނާގެ ކޮއްކޮ އަދި މާ ބޮޑަށް ޖެހިލުންވުން ކައިރިވާނެތާ އެވެ. ދައްތަގެ ހުރި އިލްމަކާއި ވިސްނާ ގޮތްތައް ވެސް އެނގޭނީ އާއިލީ މީހުންނަށެވެ.
"އަހަންނަކަށް ނޭނގެ ހަމަ މި ވީ ގޮތެއް. އެވަގުތު ބުނާނެ އެއްޗެއް ދުލަކަށް ނައި. ހުރިހާ ކަމެއް ނިމެންދެން ވެސް މަޑުން ހުރެވުނީ،" ފާތިރު، އޭނާގެ ދިފާއުގައި ތަފްސީލެއް ދެވޭތޯ އުޅުނެވެ.
ހައްވަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން ފާތިރަށް އިނދެވުނީ ކަޅި ވެސް ޖަހާނުލަ އެވެ. މިހާ ބޮޑު ކަމަކާ ކުރިމަތިލާ އިރު އެއްބަސްވެވެން ޖެހޭނީ ހިތުންރުހުމުންނެވެ. އެހެން ނޫނީ ކުށެއް ނެތް އަންހެނަކަށް އޭނާގެ ފަރާތުން އަނިޔާ ލިބި، އެ އަނިޔާގެ އަސަރު އޭނާގެ ހަޔާތަށް ވެސް އަތުވެދާނެ އެވެ.
އެކަމަކު ފާތިރަށް އޮތް ޔަގީންކަމަކީ ނުވަތަ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އުޅުނީ ދަލޭކަދައިތަގެ ރަނގަޅު ކަމެވެ. އޭނާއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމެވެ. އެއަށް ވުރެ ދަލޭކަދައިތަގެ ހިތް ސާފުވެފައި އޭނާ ދެކެ ވާ ލޯބި ބޮޑެވެ.
އޭނާ ލަމުން އަންނަ ނޭވާގެ އިހުސާސް ވެސް ކުރެވޭހާ ކައިރީގައި، އޭނާގެ ފައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހައްވަ އެ އިނީ ހުއްޓިފަ އެވެ. ފަހަރެއްގައި ފާތިރަށް ލިބުނު ސިހުމަށް ވުރެ ހައްވަގެ ހާލު މާ ބޮޑީ ކަމަށް ވެދާނެ އެވެ.
"އަހަންނަކީ ކާކު ކަން ދަލޭކަދައިތަ ބުނިތަ؟" ފާތިރު އެހި އެވެ.
"ނޫން...." އަނެއްކާވެސް އެ ކުރު ލަފުޒެވެ.
ހުރިހާ ކަމެއް ނިމިގެން އެ ދިޔައީ ދަލޭކަދައިތަ ބޭނުންވި ގޮތަށް، ބޭނުންވި ވަގުތުގަ އެވެ. ހައްވަ އިންނާނެ ރަނގަޅު މީހަކު ހޯދައިދޭން ބޭބެ އެދުމުން، ދަލޭކަދައިތަ އެ ހިޔާރުކުރީ އޭނާ އެވެ. ޔަގީނުން ވެސް އެއީ ފާތިރަށް ކުރި އިތުބާރެކެވެ. އޭނާއަށް ވުރެ އެކަށީގެންވާ އެހެން މީހަކު ހައްވައަށް ލިބެން ނެތްކަން، ދަލޭކަދައިތައަށް ގަބޫލުކުރެވުނީ އެވެ. އޭނާގެ އިހުސާންތެރިކަމާއި ކެތްތެރިކަމުގެ މާނައަކީ، ހައްވަ ކަހަލަ އަންހެނަކަށް ދެރައެއް ނުދިނުން ކަން ދަލޭކަދައިތައަށް ވިސްނެނީ އެވެ.
ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ހައްވަ ބައިންދާފައި އިހަށް ބޭރަށް ނުކުންނަންވީ ހެއްޔެވެ؟ ދަލޭކަދައިތަ އޭނާ ހިފަހައްޓާނެ ހެއްޔެވެ؟ މި ސުވާލުތަކުގައި ހުރެ ފާތިރު ތެދުވަން އުޅުނެވެ. އެކަމަކު އެ ވަގުތު އޭނާގެ ފަލަމަސްގަނޑުގައި، ހައްވަ އަތްތިލަ ބޭއްވި އެވެ. ހައިރާންކަމާ އެކު ފާތިރަށް އިށީނދެވުނެވެ. އޭރު ވެސް ހައްވަ އޭނާއާ ދިމާއަށް ބަލައެއް ނުލަ އެވެ.
އެ ހިމޭންކަމުގައި ކުޑައިރުކޮޅެއް ހޭދަވި އެވެ. ދެން ފާތިރަށް ފެނުނީ ހައްވަ އޭނާއާ ދިމާއަށް ބަލައިލި ތަނެވެ. ފާތިރުގެ ހަށިގަނޑަށް ފެތުރިގެން ދިޔައީ، ކުރިން ވެސް އިހުސާސްކުރެވުނު ފިނިގަނޑެވެ. ދަލޭކަދައިތަގެ އަތުގެ ބީހިލުމާ އެކު އޭނާއަށް ލޯ މަރާލެވުނު އިރު ފެނުނު ހައްވަގެ ރީތިކަން، މި ވަގުތު އަދި މާ ބޮޑެވެ. ފުޅިބައްތީގެ އަލީގައި އޭނާގެ އެ އޮމާން ހަންގަނޑަށް މަޑު ވިދުމެއް އަންނަ ފަދަ އެވެ. އެ ލޮލުގެ ފުންކަމުގެ ތެރެއަށް އޭނާގެ ނަޒަރު ދަމައިގަތް ކަހަލަ އެވެ. ހިނިތުންވުމަކާ ނުލާ ވެސް، އެ މޫނުގެ ރީތިކަމުގައި ކުޑަ ވެސް އުނިކަމެއް ނެތެވެ.
"އަހަންނަށް މިހާރު ފުދިއްޖެ. ދެން އޮތީ ދައްތަ ބުނި ގޮތަށް ފާތިރާ އެކު އުޅުން،" ފަލަމަސްގަނޑުން އަތް ނައްޓާލައި، ފާތިރުގެ ކަނާތު އަތްތިލާގައި މަޑުމަޑުން ހިފާލަމުން، ހައްވަ ބުންޏެވެ.
ފާތިރުގެ ކަޅި އެ މޫނުން ދުރަކަށް ނުގެންދެވުނެވެ. އޭނާގެ ތިން ވަނަ ކައިވެނި ކުރީ އަދި އިހަކަށް ދުވަހު އެވެ. އެކަމަކު ސުހާނާގެ ހަނދާންތައް ވެސް އޭނާގެ ސިކުނޑިން އެ ވަގުތުކޮޅު ފޮހެވުނެވެ. އޭނާގެ ވިސްނުމާއި ހިޔާލުތަކުގެ ތެރޭގައި، ހައްވަގެ އެ ރީތިކަން ނޫން އެހެން އެއްޗެއް ނެތެވެ.
ހައްވަ ވެސް އިނީ ފާތިރުގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ފިރިމީހާގެ އަސްލު ސިފަ އޭނާއަށް ވެސް ރަނގަޅަށް ފެނުނީ އަދި ކިރިޔާ އެވެ. އެއީ މަލިކު މީހެއް ނޫނެވެ. އެއީ ދިވެއްސެކެވެ. އެއް ބަހުން ވާހަކަ ދެއްކިޔަސް، އެއް ނަސްލެއްގެ ގޮތުގައި ބެލެވުނަސް، ދިވެހިން ހުރިހާ ގޮތަކުން ވެސް ތަފާތުކަން، ހައްވަ ކުރިން ވެސް ގަބޫލުކުރި އެވެ.
ހިމޭންކަމުގައި ވާހަކަ ދައްކަމުން ދިޔައީ ދެ މީހުންގެ އިހުސާސްތަކެވެ. އެކަކު ވެސް އަނެކަކު ދޫކޮށްލާފައި، އެތަނުން ގުޑާލާކަށް ބޭނުމެއް ނުވި އެވެ. އެކަކު ވެސް އަނެކަކުގެ ނަޒަރު އެހެން ދިމާލަކަށް އެނބުރޭކަށް ބޭނުމެއް ނުވި އެވެ. ދެ މީހުންގެ ހަތަރު ކަޅި ދިމާވުމާ އެކު، ދެ މީހުން ފެންނަނީ އެއް ނިޔަތެއްގެ ތެރޭގައި ދަތުރުކުރަމުން ދާ ތަނެވެ. އެކަކަށް އަނެކަކު ރަނގަޅުވި ތަނެވެ. އެކަކަށް އަނެކަކު ރީތިވި ތަނެވެ.
ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރި އަޖައިބެއް ކަހަލަ ކައިވެނީގައި، ފުރަތަމަ ފަހަރަށް ބައްދަލުވި ދެމަފިރިން، މަޑުމަޑުން އެނދު މައްޗަށް ތިރިވާން ފެށި އެވެ. ދެ މީހުންގެ އަތުގުޅާލުން ބާރުވަމުން، ބާރުވަމުން ދިޔަ އެވެ.
---
"ކޮއްކޯ! ކޮއްކޯ!"
ފުރަތަމަ ލޯ ހުޅުވާލެވުނީ ފާތިރަށެވެ. ހާސްކަމާއި ހަރާންކަމުގައި އޭނާއަށް ކުއްލިއަކަށް ތެދުވެވުނެވެ. ވާނުވާއެއް ނޭނގި ސިކުންތުކޮޅެއް ދިޔަ އެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ފުޅިބައްތި އެވެ. ދެން ފެން ރުނބަ އެވެ. އޭގެ ފަހުން އޭނާގެ ކައިރީގައި އޮތް ހައްވަ އެވެ.
ގޮވަމުން އެ ދަނީ ދަލޭކަދައިތަ އެވެ. އެކަމަކު ހައްވަ އޮތީ ފުން ނިދީގަ އެވެ. ފާތިރު ރަނގަޅަށް ބަލައިލި އިރު، ނިދީގައި އޮތް ހައްވަގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. އޭނާ އެ އޮތީ އުފަލުންނެވެ.
ކަން ވީ ގޮތް ފާތިރަށް ވިސްނުނީ އެހާ ހިސާބުންނެވެ.
"ކޮއްކޯ، ހައްވާ!" ދަލޭކަދައިތަގެ އަޑު އަނެއްކާވެސް އިވުނެވެ.
ފާތިރު މަޑުމަޑުން ހައްވަގެ ކަންފަތް ކައިރިއަށް ގުދުވެ ގޮވާލި އެވެ. ލޯ ހުޅުވާލި އެވެ. ތެދުވި އެވެ. ފާތިރާ ދިމާއަށް ހައިރާންވެގެން ބަލަން އިނެވެ.
"ދަލޭކަދައިތަ އެބަ ގޮވާ،" ފާތިރު ބުންޏެވެ.
ހައްވަ އަވަސް އަވަހަށް އެނދުން ފޭބި އެވެ. ދެން ހެދުން ރީތިކޮށްލި އެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ފާތިރު ވެސް ހިނގައިގަތެވެ.
ދަލޭކަދައިތަ ކައިރިއަށް ދެވުނު އިރު، ލަސްވެގެން އިންތިޒާރުގައި އޮތް ކަމުގެ އަސަރުތައް މޫނުމަތިން ފެނުނެވެ. އެކަމަކު ހައްވަ އާއި ފާތިރު ފެނުމާ އެކު، މޫނުމައްޗަށް ވެރިވީ ހިނިތުންވުމެވެ.
"ބޭރަށް ނުކުމެ ބަލާލަ ބަލަ!" ދަލޭކަދައިތަ ބުންޏެވެ.
ދެ މީހުން އަވަހަށް ގޮސް، ބޭރު ދޮރު ހުޅުވާލި އެވެ. އޭރު އެ ހިސާބުގަނޑު އޮތީ ފުޅިބައްތިތަކުން އަލިވެފަ އެވެ. ވީރު މުހައްމަދާއި އޭނާގެ އަންހެނުންނާއި ފިރިހެން ތިން ދަރިންނާއި އެމީހުންގެ ތިން އަނބިންނާއި ފިރިހެން ތިން ކާފަ ދަރިން ތިބީ، ސަފަކަށް އެތުރިގެންނެވެ. ފިރިހެނުން ހުދު ގަމީހާއި ހުދު މުންޑާއި، ބޮލުގައި ހުދު ފޮތިގަނޑެއް އައްސައިފަ އެވެ. ހަތަރު ފިރިހެނުން ތިބީ ހަތަރު ފުޅިބައްތި ހިފައިގެންނެވެ. އެ މީހުން ތިބި ގޮތުން ހީވީ އިންތިޒާރެއް ކުރަމުން އަންނަހެންނެވެ.
ވީ އެހެންނެވެ. ވީރު މުހައްމަދުގެ ގެއިން ނުކުތީ ރަތް ހެދުމެއްގައި ރީތިވެގެން ހުރި އަންހެނެކެވެ. އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ، ހުދު ގަމީހާއި ހުދު މުންޑު، އަދި ބޮލުގައި ހުދު ފޮތިކޮޅެއް އައްސާލައިފައި ހުރި، ކުޑަ ފިރިހެން ކުއްޖެކެވެ.
"ކިހިނެއް މި ވަނީ؟" ހައްވަ ކައިރީ މަޑުމަޑުން އަހާލި އެވެ.
"އަހަރެންގެ ސަބަބުން ދިމާވި ކަމެއް،" ހައްވަ ބުނެލި އެވެ.
"ކޮން ކަމެއް؟" ހައިރާންކަމާ އެކު ފާތިރު ސުވާލުކުރި އެވެ.
"ވާހަކަ ދައްކާނީ ފަހުން،" ހައްވަ ބުންޏެވެ.
އަންހެންމީހާ އާއި ފިރިހެން ކުއްޖާ، އާއިލީ ސަފު ހުރަސްކޮށް ދިއުމުން، އެ މީހުންގެ ފަހަތުން އެންމެން ހިނގައިގަތެވެ. ހައްވަ ބަލައިލީ ފާތިރުގެ މޫނަށެވެ. ފާތިރު ހުރީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. މިއީ އޭނާ ދުވަހަކު ވެސް ދުށް ކަމެއް ނޫނެވެ. ރޭގަނޑު ދަންވަރު، އަންހެންވެރިންނާއި ކުޑަކުދިން، ސަފަކަށް އެތުރިގެން ތިބެ، ވަލަށް ވަދެގެން ދާ ތަނެވެ. ގޭގެ އުތުރު ކޮޅުން ފެށިގެން އޮންނަނީ، ދައްޕަރާ ހަމައަށް ދަންދެން ބޯ ވަލެވެ.
ހައްވަ މަޑުމަޑުން، އޭނާގެ ކަނާތުން ފާތިރުގެ ވާތުގައި ހިފާލި އެވެ. ދެން، އެ މީހުންގެ ފަހަތުން ހިނގައިގަތެވެ.
އަނދިރިކަމެވެ. ފިނި ވައިރޯޅި އެވެ. ފަނިފަކުސަގެ އެކި ރާގުތަކެވެ. ބޯކޮށް ހެދިފައި އޮތް ގަސްތަކުގެ އޮފިތައް، ވަޔާ އެކު ހެލިލާ ކޮންމެ ފަހަރަކު، ދުރަށް ފެތުރިގެންދާ އަޑުތަކެވެ. ހަތަރު ފުޅިބައްތީގެ އަލިން ބޮޑެތި ހިޔަނިތައް އުފެދި އެކަމަކު ވަކި ހިސާބަކުން އަނދިރިކަމާ އެއްވެގެން ދެ އެވެ.
އެތައް އިރަކު ހިނގާފައި ގޮސް، ނުކުތީ ރަށުގެ ހުޅަނގު ފަރާތުން ގޮނޑުދޮށަށެވެ. ބޮޑު ދޮންވެލިގަނޑަށް، އެންމެންނަށް ނުކުމެވުނު އިރު، ކުޑަކުޑަ ދޯންޏެއް އޮތެވެ. އެއް ގަމުގައި، ހުދު ހެދުމުގައި ދެ ފިރިހެނަކު، އެ މީހުންގެ އިންތިޒާރުގައި، ތިއްބެވެ.
ފިރިހެން ކުއްޖާ ގޮވައިގެން ހުރި އަންހެންމީހާ، ފުރަތަމަ ބައްދާލީ، އޭނާގެ މައިދަތަގެ ގައިގަ އެވެ. ދެން އަނެއް ތިން އަންހެނުންގެ ގައިގަ އެވެ. ކުޑަފިރިހެން ކުއްޖާގެ ގައިގައި، ފުރަތަމަ ބައްދާލީ ކާފަ ވީރު މުހައްމަދެވެ. ދެން އޭނާގެ ތިން ބޭބެ އެވެ. އެކަން ނިމުމުން، އަނެއް ތިން ފިރިހެން ކުދިން، އެ ކުއްޖާ ވަށާލި އެވެ. ހަތަރު ކުދިން، ވައް ބުރަކަށް ތިބެ، އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ކޮނޑަށް އަތް ވައްޓާލައިގެން، ބިންގަނޑާ ދިމާއަށް ބޯ ތިރިކޮށް، ކޮންމެވެސް ވާހަކަތަކެއް ދެއްކި އެވެ. ހީވާ ގޮތުން ވަކިވުމުގެ ސަލާމާއި، ކަނޑައަޅާ އަޒުމް ހިއްސާކުރަނީ އެވެ.
އެކަން ނިމުމުން، އަންހެންމީހާ އާއި ކުޑަ ކުއްޖާ، މޫދު ކައިރިއަށް ޖެހިލި އެވެ. ތައްޔާރަށް ތިބި ފިރިހެނުންގެ ތެރެއިން އެކަކު، އަންހެންމީހާ އަތްދަނޑި މައްޗަށް ލި އެވެ. އަނެކަކު، ކުޑަކުއްޖާ ނަގާ ކޮނޑަށް ލި އެވެ.
ކަކުލާ ހަމައަށް ހުރި ލޮނޑުގަނޑު ތެރޭގައި ގޮސް، އަންހެންމީހާ އާއި ފިރިހެން ކުއްޖާ ދޯންޏަށް އެރުވި އެވެ. އެ މީހުން އިށީނީ، ރަށަށް ފުރަގަސްދީގެން، ހުޅަނގު ފަރާތަށެވެ. ދޯންޏަށް އެރި ފަހުން، ރަށާ ދިމާއަށް، ދަތުރު އަރަހައްޓަން ގޮނޑުދޮށަށް ނުކުމެ ތިބި އާއިލާގެ މީހުންނާ ދިމާއަށް، އެނބުރި ބަލާ ވެސް ނުލަ އެވެ.
ދޯނި ނައްޓާލި އެވެ. ކުޑައިރުކޮޅެއްގެ ފަހުން ކަނުއަނދިރިކަމުގެ ތެރެއަށް ގޮސް ގެއްލުނެވެ.
ވީރު މުހައްމަދުގެ އާއިލާ، ސަފަކަށް ތިބެގެން، އެއްގަމަށް އަރައި، ވަލުތެރެއިން ރަށާ ދިމާއަށް ހިނގައިގަތެވެ. އެކަމަކު ހައްވަ، މޫދާ ދިމާއަށް ބަލަހައްޓައިގެން ހުރީ އެވެ. ފާތިރުގެ އަތުން ދުލެއް ނުކުރި އެވެ. އެވަގުތު ފާތިރުގެ ހިތަށް ބިރުވެރިކަން ވަންނަން ފެށި އެވެ. އަންބަކަށް ވިޔަސް، ހައްވައަކީ ކާކު ކަމެއް އޭނާއަށް އަދި ނުވެސް އެނގެ އެވެ. އިތުބާރެއް ވެސް ނުކުރެވެ އެވެ. ދަންވަރުގެ މި ވަގުތު، އަތިރިމަތީގައި އޭނާ އެކަނިމާއެކަނި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ޖަންގައްޔެއް ވަރުގެ ބޮޑު ވަލުތެރޭގައި އެ އޮތީ އަނދިރިކަމެވެ. އެކަމަކު ހައްވައާ އެކު ނޫނީ އޭނާއަށް ދެވޭކަށް ނެތެވެ. އަތުން ދޫކޮށްލަން ބާރެއް ގެންނާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން ތެޅެމުން ދިޔަ ހިތަކާ އެކު، ހައްވައާ ދިމާއަށް ބަލަހައްޓައި ހުރެވުނީ އެވެ.
އިރުކޮޅަކުން ހައްވަ އޭނާއާ ދިމާއަށް އެނބުރުނެވެ. އެއްޗެކޭ ނުބުނެ، ފާތިރުގެ އަނެއް އަތުގައި ވެސް ހިފާލި އެވެ. ދެން މެއާ ހަމައަށް މައްޗަށް ނެގި އެވެ.
"އަހަރެން ދޫކޮށްނުލާނެ ކަމަށް ވައުދުވޭ!" ހައްވަ ބުންޏެވެ.
އަނެއް ހައިރާންކަމެވެ. ފާތިރަށް ބަލަހައްޓައިގެން ހުރެވުނީ އެވެ.
"ދެ އާއިލާ އެ އުޅެނީ އަހަރެން ބުރައަކަށް ވެގެން. ބައްޕަމެން އަހަރެން ފޮނުވާލީ މަލިކުގައި އަހަންނަށް ރައްކާތެރިކަމެއް ނެތޭ ކިޔާފައި. މި ރަށަށް އައި ތަނުން އަހަރެން ހިމާޔަތްކުރަން އުޅެ، އެ އާއިލާގެ އެކަކު އެ މަރުވީ. ދަރިފުޅު ގޮވައިގެން ފުރައިގެން އެ ދިޔައީ ހުވަފަތް އަނބިމީހާ،" ހައްވަ ވަރަށް ފަސޭހަކަމާ އެކު، އެހާ ތަފުސީލުކޮށް ވާހަކަ ދެއްކި އެވެ.
"ވީރު މުހައްމަދުގެ އެއް ދަރި މަރުވީތަ؟" ފާތިރަށް އަހާލެވުނެވެ.
"އާނ. އަހަންނަށް އުޅެން މިޖެހެނީ އެ އާއިލާއާ އެކު. މިރަށުން ފައިބައިގެން އަހަންނަކަށް ދެން ނުދެވޭނެ ދުވަހަކު ވެސް،" ހައްވަ ބުންޏެވެ.
"ކީއްވެ ރަށުން ނުފޭބޭނީ؟" ހައިރާންކަމުގައި ފާތިރު ސުވާލުކުރި އެވެ.
"އަހަރެން ދޫނުކޮށްލާނެ ކަމަށް ވައުދުވޭ! އަހަންނަށް ވަރިހަމަ ފާތިރު މި ރަށުގައި ނޫޅުނަސް. ދޭތެރެ ދޭތެރެއިން ރަށަށް އަޔަސް،" އާދޭސްކުރާ ރާގެއްގައި، ހައްވަ ބުންޏެވެ. އޭނާ ފާތިރުގެ ދެ އަތުގައި، ކުރިއަށް ވުރެ ބާރަށް ހިފަހައްޓާލި އެވެ. ހީވަނީ، ފާތިރުގެ ޔަގީންކަން އޭނާ ބޭނުންވާ ހެންނެވެ.
ފާތިރުގެ މޮޔަކަމުން ކަމަށް ވިޔަސް، ދަލޭކަދައިތަގެ ބާރުގައި އޭނާގެ ވިސްނުން ހުއްޓުވައި، އާނބަސް ބުނުވި ކަމަށް ވިޔަސް، ހައްވައަކީ އޭނާގެ އަންހެނުންނެވެ. އަދި ރަށުގެ މިހާ ހިސާބަށް، މި ގަޑީގައި، އައުމުގެ ކުރިން ދެ މީހުން ރޭ ވެސް ކޮށްފި އެވެ. އެހެންކަމުން ހައްވަ ދޫކޮށްލުމަކީ މި ވަގުތު، މިރަށުގައި ހުރެގެން އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ހައްވަ އެ ބުނާ ގޮތަށް ވައުދެއް ނުވިޔަސް، ކައިވެންޏަކީ އޭގެ ޒާތުގައި ވައުދެކެވެ. އެކަމަކު އެވަރުން ހައްވައަށް ފުދުނުހެނެއް ހިއެއް ނުވެ އެވެ.
މޫދަށް ހާމައަށް އޮތް ހިސާބުގަނޑުކަމުން ފެތުރިފައިވާ މަޑުމަޑު އަލިކަމުގައި ވެސް ހައްވަގެ މޫނުމަތީގައި ހުރި ހިތާމަވެރިކަން ފާތިރަށް ފާހަގަކުރެވުނެވެ. ލޮލުން ކަރުނައެއް ނާދެ އެވެ. ހިތްވަރުގަދަކަމުގެ އަލާމާތަކަށް ވެދާނެ އެވެ.
"ހައްވައަކީ އަހަރެންގެ އަންހެނުން. ދުވަހަކު ވެސް ހައްވަ ދުލެއް ނުކުރާނަން،" ފާތިރު އެންމެ ފަހުން ބުންޏެވެ.
ހައްވަ އޭނާގެ ގައިގައި ބައްދާލި އެވެ. ފާތިރުގެ ކޮނޑުގައި ބޯ އަޅާލި އެވެ. ދެން މަޑުމަޑުން ރޯން ފެށި އެވެ.
ފާތިރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ވުރެ މާ ބާރުގަދަ، އަދި އެހެން މީހުންނަށް ނޭނގޭ ކިތައްމެ ކަމެއް ދެނެގަތުމުގެ އިލްމުވެރިކަން ލިބިފައިވާ އާއިލާއެއްގެ އަންހެނަކު، އޭނާގެ ހިމާޔަތަށް އެވަރަށް އެ އެދުނީ ކީއްވެގެން ކަމެއް ނުވިސްނުނެވެ. އަނެއްކާ، ވީރު މުހައްމަދުގެ ދަރިއަކު މަރުވުމާ އެކު، އެ މީހުންގެ އަސްލު ވާޖިބު މަތިން ހަނދާން ނައްތާލަނީ ބާވަ އެވެ؟ އެކަމަކު ދަލޭކަދައިތަ ދުނިޔޭގައި އޮއްވާ އެފަދަ ކަމެއް އެ މީހުންނެއް ނުކުރާނެ އެވެ. އެ މީހުންގެ ހުރިހާ ވެސް ޒިންމާއަކީ ދަލޭކަދައިތަ ހިމާޔަތްކުރުމެވެ. އެ އާއިލާ ހިމާޔަތްކުރުމެވެ. ހައްވައަކީ އެ އާއިލާގެ އެއް މެމްބަރެވެ. ދުނިޔޭގައި ހުރި އަންހެން ހަމައެކަނި ލެ އެވެ.
ހައްވަ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން ފާތިރު ހުރީ އެވެ. ފަހަރެއްގައި އޭނާގެ ވައުދާ އެކު ލިބުނު ޔަގީންކަމުގައި ރޮވުނީ އެވެ. ނުވަތަ މި ހުރިހާ ދުވަހު އުފުލި ބުރައިން އެންމެ ފަހުން ސަލާމަތްވެވުނީކަމުގެ އިހުސާސް، ކައިވެންޏާ އެކު ކުރެވެން ފެށީ އެވެ.
"ބައްޕަ ބުނީ ރަނގަޅަށް. މަލިކުގައި ހުރި ނަމަ އަހަންނަށް ފާތިރު ކަހަލަ މީހަކު ނުލިބުނީސް،" ފާތިރުގެ ގައިގައި، ކުރިއަށް ވުރެ ބާރަށް ބައްދާލަމުން، ހައްވަ ބުނި އަޑު އިވުނެވެ. އޭރު ހައްވައަށް އަނދިރީގެ ތެރެއަށް ގެއްލިފައި އޮތް މޫދު ފެނެ އެވެ. އެ މޫދު އަޑިއަށް އޭނާ ދިޔަ އިރު، އޭނާގެ ލޯބިވެރިޔާ ޝިހާބަށް ގޮވިކަން ހަނދާންވެ އެވެ. ބިރުވެރި މުޅި ދަތުރުގައި ވެސް އޭނާއަށް ހިތްވަރު ލިބުނީ ޝިހާބުގެ ހަނދާންތަކާއި، އެ ލޯބިންނެވެ. އޭނާ އޭރު މުޅި ދުނިޔެ އިން ވެސް ބޭނުންވީ ޝިހާބެވެ. އެކަމަކު ޝިހާބު ވީ ތަނެއް އޭނާއަކަށް ނޭނގެ އެވެ. ދުނިޔޭގައި ހުރި ކަމެއް ވެސް، ނެތް ކަމެއް ވެސް ނޭނގެ އެވެ. ނުވަތަ ރަށުތެރޭގައި އަޑުއަރާފައިވާ ގޮތަށްް، ކޮޗިންގެ މީހަކާ އިނދެގެން އެތަނުގައި އުފަލުގައި، ދަރިންތަކާ އެކު އުޅެމުން ގެންދަނީ އެވެ.
ކުރީގެ ކައިވެނިތަކުގައި ހެދި ގޯސްތައް ނުހަދަން ހައްވަ އަޒުމް ކަނޑައެޅި އެވެ. ފާތިރަކީ އޭނާ ބޭނުންވާ ކަހަލަ މީހެއްކަން ޔަގީނެވެ. ފިރިހެންވަންތަކަން ހުރި، އެހާމެ އަޒުމް ވަރުގަދަ، ތެދުވެރިއެއްކަން ވެސް ޔަގީނެވެ. ބިރެއް ނެތި ކަންކަމާ ކުރިމަތިލާނެ ފިރިއެއްކަން ވެސް ޔަގީނެވެ. ވީރު މުހައްމަދުގެ އާއިލާ ނެތަސް، އޭނާއަށްޓަކައި ގުރުބާންވާނެ ބައިވެރިއެއްކަން ވެސް ޔަގީނެވެ.
ގުރުބާންވުމަކީ އޭނާގެ އާއިލާ ކުރާ ހަނގުރާމައިގެ އެންމެ މުހިންމު ބަ އެވެ.
ފާތިރުގެ ކޮނޑުން ބޯ ނެގި އެވެ. ކަރުނަ ފައިބަމުން ދިޔަ ދެ ލޮލުން ފާތިރާ ހަތަރު ކަޅި ހަމަކޮށްލި އެވެ. ދެން ލޯ ފޮހެލައި، ހިނިތުންވެލި އެވެ.
"ރަށުން ނުފޭބޭނެ ސަބަބު ކިޔައިދެންތަ؟" ހައްވަ ވާހަކަ ފެށި އެވެ.
(ނުވަ ވަނަ ބައި، މޭ 14، 2020 ވާ ބުރާސްފަތިދުވަހު)