ކޮވިޑް-19: ލޮކްޑައުން ނިމުމުން ވޫހާން އިން ވައިރަސް ކްލަސްޓާއެއް
ކޮވިޑް-19: ލޮކްޑައުން ނިމުމުން ވޫހާން އިން ވައިރަސް ކްލަސްޓާއެއް

ވޫހާން (މެއި 11) - ކޮރޯނާވައިރަސް އެންމެ ފުރަަތަމަ ފެނުނު ޗައިނާގެ ވޫހާންގެ ލޮކްޑައުން ހުޅުވާލި ފަހުން އެ ސިޓީން ކޮރޯނާވައިރަހުގެ ކްލަސްޓާތަކެއް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ވޫހާން އިން މީހަކު ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ އިއްޔެ އެވެ. އޭގެ ފަހުން މިއަދު ވަނީ އަލަށް ފަސް ކޭސް ރިޕޯޓްކޮށްފަ އެވެ. އޮފިޝަލުން ބުނީ ކުދި ކްލަސްޓަތައް ފެނިފައި ވަނީ އެއް ރެސިޑެންޝަލް އޭރިއާ އިން ކަމަށެވެ. މިއަދު ޕޮޒިޓިވްވި ކޭސްތައް ގުޅިފައި ވަނީ އާދިއްތަ ދުވަހު ޕޮޒިޓިވްވި 89 އަހަރުގެ މީހާއާ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ 10 ދުވަސް ތެރޭ ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ދެ އަކުރުގެ އަދަދަކުން އެ ގައުމުގައި މީހުން ޕޮޒިޓިވްވެފައި ކަމަށެވެ. ޗައިނާގައި އާދިއްތަ ދުވަހު ވަނީ 14 މީހުން ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭން ދެ މީހުންނަކީ ގައުމުން ބޭރުން ދިޔަ ދެ މީހެކެވެ. މިއަދު ވަނީ 17 ކޭސް ރިޕޯޓްކޮށްފަ އެވެ.

ކޮވިޑް-19 ގައި ޗައިނާ އިން މީހަކު މަރުނުވާތާ މިހާރު މަހަކަށް ވުރެ ދުވަސްވެއްޖެ އެވެ.

ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ފެނުނު ވައިރަސް މުޅި ދުނިޔެ އަށް ފެތުރި މިހާތަނަށް ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. ގާތްގަނޑަކަށް 282,772 މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ޗައިނާ ސަރުކާރުން ވަނީ ޖެނުއަރީ 23 އިން ފެށިގެން ވޫހާން ސިޓީ ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް އެޕްރީލް 8 އިން ފެށިގެން ވަނީ އަލުން ހުޅުވާލައިފަ އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެކަށީގެންވާ ފިޔަވަޅު އަޅައި ދުނިޔޭގެ ސަމާލު ކަމަށް އެކަން ގެނެސްފައި ނުވާތީ ޗައިނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ނަމަވެސް ބެއިޖިން އިން އެކަން ދޮގު ކުރެ އެވެ. ޗައިނާގެ ހެލްތު ކޮމިޝަނުގެ އޮފިޝަލަކު ވަނީ ކޮރޯނާވައިރަހަކީ އެ ގައުމުގެ ސިއްހީ ނިޒާމު ޓެސްޓްކޮށްލުމެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަހަށް ޗައިނާ އިން ވަނީ 82,918 މީހުން ޕޮޒިޓިވްވެ 4،633 މީހުން މަރުވެފަ އެވެ.